ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ އެސެމްބްލީއަށް ބާއްވައިފި

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ އެސެމްބްލީއަށް މިއަދު ބާއްވައިފިއެވެ. މިމިނިސްޓްރީގެ ކޮންފަރެންސްރޫމްގައި ބޭއްވި މިއެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިނެއެވެ.

މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދުގެ މެސެޖު އިއްވަވައިދެއްވީ ސްޓޭޓް މިނިސްޓަރ ފާޠިމަތު ޝީރީނެވެ. ބަހުގެ ދުވަހާއި ގުޅޭ ޚާއްޞަ މެސެޖް އިއްވަވައިދެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ޞިއްދީޤެވެ. ދުވަހާއި ގުޅޭގޮތުން ވާހަކަފުޅުދެއްކެވީ ޝަރަފްވެރި މެހްމާން ޢަބްދުއްރަޝީދު ޙުސައިނެވެ. މުވައްޒަފުންގެ ޝުޢޫރުފާޅުކުރުމުގެ ގޮތުން އައްޑޫ ބަހާއި ފުވައްމުލަކު އަދި ހުވަދޫބަހުން ވާހަކަދެއްކެވީ އެއަތޮޅުތަކަށް ނިސްބަތްވާ މުވައްޒަފުންނެވެ.

ދިވެހިބަހުގެ ދުވަސްފާހަގަކުރުމަށް ދިވެހިބަހުގެ އެކަޑަމީން ކުރިއަށްގެންދިޔަ އަތުލިޔުމުގެ މުބާރާތުގައި މިމިނިސްޓްރީން ބައިވެރިވެވަޑައިގަތް މުވައްޒަފުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން ޢަބްދުއްރަޝީދު ޙުސައިނެވެ.