ޔޫތު ލިޑާރސް ފޯރަމެއް އައްޑޫގައި ބާއްވާގޮތަށް ހަމަޖެހިއްޖެ

މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އަމާންވެއްޓެއް ޤާއިމްކުރުމާއި ޒިންމާދާރު ރައްޔިތެއް ބިނާކުރުމުގެ ގޮތުން ހޯމް މިނިސްޓްރީއާއި ޔޫތު ލީޑާސް ނެޓްވޯކާއި ގުޅިގެން ފޯރަމެއް އޭޕްރީލް 1 ވަނަ ދުވަހު ބޭވުމަށް ވަނީ ހަމަޖެހިފައެވެ. މިފޯރަމް އޮންނާނީ އައްޑޫ ސިޓީ ހިތަދޫގައެވެ. ފޯރަމް އިފްތިތާހްކޮށްދެއްވާނީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދެވެ.

މިފޯރަމްގައި ސަރުކާރުގެ އެކި އިދާރާތަކުން ބޭފުޅުން މައުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް، އިސްލާމިކް މިނިސްޓްރީ އަދި މިމިނިސްޓްރީގެ ލީގަލް ސެކްޝަނުން ސެޝަންތައް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯކްޝޮޕްގައި އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމް ކުރެވިފައިވާ ވިލާ ކޮލެޖް ކެމްޕަސް އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހުގެ އިތުރުން އައްޑޫ ސިޓީ ހައިސްކޫލުގެ ދަރިވަރުންގެ ތެރެއިން ޖުމުލަ 40 ބައިވެރީން ބައިވެރިވެއެވެ.

ޔޫތު ލީޑާސް ނެޓްވޯކަކީ ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހަދައި ޒުވާނުންނަށް މަދަނީ ގޮތުން ޙަރަކާތްތެރިވެގެން އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ބެލެނިވެރިކަމު ދަށުން އުފައްދަވާފައިވާ ނެޓްވޯކެކެވެ.

މިނެޓްވޯކްގެ މައިގަނޑު މަސައްކަތަކީ އިޖްތިމާޢީ މައްސަލަތަކާއި، ޚާއްޞަކޮށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރުމެވެ.

މިނެޓްވޯކުގައި ހިމެނެނީ ޔުނިވަރސިޓީ އަދި ކޮލެޖުތަކުގެ ދަރިވަރުންނެވެ.