މިނިވަން ފަންސާހާ ގުޅިގެން ހިންގި ޙަރަކާތްތަކާ ގުޅިގެން ހޯމް މިނިސްޓަރ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވައިފި

މިނިވަން ފަންސާހުގެ ކަންތައްތަކާ ގުޅިގެން ހިނގާދިޔަ ބައެއް އިވެންޓްތައް ރޭވުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައް ކުރެވިފައިކަމަށް އޭސީސީއަށް ތުހުމަތު ކުރެވޭތީ މިކަމާ ގުޅިގެން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދު ވަނީ މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވައިފިއެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި މިނިއުސް ކޮންފަރެންސްގައި މާލިއްޔަތު ޤަވާއިދާޚިލާފަށް ގޮސްފައި ހުރި ކަންތައްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ބޮޑެތި ޢަދަދުތަކުގެ މަސައްކަތްތައް ކުރުމުގައި މާލީއްޔަތުގެ ޤަވާއިދާއި އެއްގޮތަށް އިޢުލާންކޮށްފައި ނުވާކަމަށާއި، މަސައްކަތް ހަވާލުކުރުމުގައި އަގު ނުހޯދާ، އެއްބަސްވުމެއްނެތި މަސައްކަތް ހަވާލުކުރެވިފައިވާކަމާއި، މިނިސްޓްރީގެ ޕްރޮކިއުމަންޓް މަސައްކަތާއި ޒިއްމާދާރުވެރިޔާގެ މަސައްކަތްތައް ބައިޕާސްކޮށް އެވަގުތު ހަވާލުވެހުރި މނިސްޓަރ، ބޭނުންވާ ފަރާތްތަކާއި މަސައްކަތް ހަވާލުކުރެވިފައިވާކަމަށެވެ. އަދި އެމަސައްކަތް ހަވާލުކުރުމުގައި ތަކުރާރުކޮށް އެއްބަޔަކަށް ގިނަ މަސައްކަތްތައް ހަވާލުކުރެވިފައިވާކަމަށާއި، އެކަށީގެންވާ އަގަށްވުރެ ބޮޑުއަގުގައި ޚިދުމަތާއި ތަކެތި ހޯދާފައިވާކަންވެސް މި ބައްދަލުވުމުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.