ތަރިކަ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު ޢާލާކުރުމުގެ މަޝްރޫޢު ތަރިކަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިފްތިތާޙްކޮށްދެއްވައިފިއެވެ. މިމަޝްރޫޢު އިފްތިތާހް ކޮށްދެއްވީ މިކަމަށްޓަކައި ދަރުބާރުގޭގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢަށް ދެއްވާފައިވާ ނަމަކީ" ތަރިކަ"އެވެ. މިމަޝްރޫޢުގެ ޝިޔާރަކީ "ދީނާއި ޤައުމިއްޔަތު ދިވެހިންގެ ނާރެސް" އެވެ. މިމަޝްރޫޢުގެ ލޯގޯއިން ފެނިގެންދަނީ، ދިވެހި ޤައުމިއްޔަތާއި އިސްލާމް ދީނެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދު ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ މެދުގައި ޚާއްޞަކޮށް، ދަރިވަރުންނާއި ޒުވާނުންގެ މެދުގައި އިސްލާމީ ވަޙުދަތާއި، އިސްލާމީ ޙަޟާރަތާއި، ދީނީ އަދި ޤައުމީ ރޫޙު އާލާކުރެއްވުމުގެ ޤައުމީ މަޝްރޫޢު ތަރިކަ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވިކެމެވެ. އަދި އެމަނިކުފާނުގެ ހިތްޕުޅުގައި އިސްލާމް ދީނަށާއި ޤައުމިއްޔަތަށް އޮތް ލޯތްބާއި ޤަދަރާއި މަތިވެރިކަން ޔަގީންކަމަށާއި ރައްޔިތުންގެ ހިތުގައި ޤައުމީ ރޫޙު އާލާ ކުރެވިއްޖެނަމަ އިސްލާމް ދީނަށް ދެވޭ ދަރަޖަ އިތުރުވެގެން ދާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. ދިވެހިންނަކީ އިސްލާމް ދީން ޤަބޫލުކުރީއްސުރެ މިއަދާ ހަމައަށް އައި އިރުވެސް އިސްލާމް ކަން މަތީ ތިބި ބައެއްކަމަށް ވާތީ، އަދި ހަމަ އެހެންމެ އެ ޤައުމެއްގެ 100 ޕަސެންޓް ރައްޔިތުންނަކީ މުސްލިމުންކަމުގައި ކަނޑައަޅާފައިވާ މަދު ޤައުމުތަކުގެ ތެރެއިން ޤައުމެއްކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރގެ ވާހަކަފުޅުގައި މިކަމުގައި އެންމެހާ ބޭފުޅުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމާއި ބައިވެރިވުން އިތުރު ކުރައްވައި ދަރިންނާއި ޢާއިލާގެ ބޭފުޅުންގެ ހިތްޕުޅުގައިވެސް ޤައުމިއްޔަތުގެ އޮށް އިންދެވުމަށް މަސައްކަތް ފެށްޓެވުމަށް އިލްތިމާސް ކުރެއްވިއެވެ.

ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު ޢާލާކުރެއްވުމުގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށްޓަކައި އެކުލަވާލެއްވި ކޮމެޓީގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައީސްގެ އިސްނެންގެވުމުގެ މަތީން ކޮމެޓީން މަސައްކަތް ކުރެއްވީ ވީހާވެސް އަވަހަށް ތަރިކަ މަޝްރޫޢު ފެއްޓެވުމަށްކަމަށެވެ. އެގޮތުން މިމަޝްރޫޢު ރައީސް ފަށްޓަވައިދެއްވާފައި މިވަނީ މަޝްރޫޢުން ހާސިލްކުރައްވާނެ ކަންތައްތައް ކޮމެޓީން ދެނެގަނެފައިވާއިރު، ކުރިމަގުގެ ރާސްތާ ކަނޑައެޅުއްވުމަށް މަގުޗާޓެއްވެސް އެކުލަވާލައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމީ ހަޟާރަތުގައި ރަނގަޅު މުޖުތަމައެއް ބިނާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ވަނީ މިރަސްމިއްޔާތުގައި ފުރިހަމަ ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށައަޅުއްވާފައެވެ.