ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އާލާކުރުމުގެ މަޝްރޫޢު އިފްތިތާހް ކުރުމާ ގުޅޭގޮތުން ބާއްވާ ޖަލްސާއާއި ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވައިފި

ިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އާލާކުރުމުގެ މަޝްރޫޢު އިފްތިތާހް ކުރުމާއި ގުޅޭގޮތުން ބާއްވާ ޖަލްސާއާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ނޫސްކޮންފަރެންސެއް ބާއްވައިފިއެވެ. މިނޫސްކޮންފަރެންސްގައި މަޢުލޫމާތު ދެއްވީ މިނިސްޓަރގެ ނާއިބު މުޙައްމަދު ޠަލާލާއި، މޫސާ ފަތްހީ އިބްރާހީމުގެ އިތުރުން މީޑިއާ ކޯޑިނޭޓަރ ތަޒްމީލް ޢަބްދުއްޞަމަދެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޝަރަފްވެރިކޮށްދެއްވާ މިރަސްމިއްޔާތު ކުރިން ބޭއްވެވުމަށް ހަމަޖެހިފައި އޮތީ މިދިޔަ ބުރާސްފަތިދުވަހުގެރޭ ޖުމްހޫރީމައިދާނުގައެވެ. އެހެންނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން މި ރަސްމިއްޔާތު ފަސްކުރެއްވީއެވެ.

މިނޫސްކޮންފަރެންސްގައި މަޢުލޫމާތު ދެއްވަމުން މުޙައްމަދު ޠަލާލު ވިދާޅުވީ މިރަސްމިއްޔާތު ބާއްވާނީ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައިކަމަށާއި އެރަސްމިއްޔާތަށް ކުރިން ވެސް ދައުވަތު ދެއްވާފައިވާ ފަރާތްތަކަށް އެދަޢުވަތު އޮންނާނެކަމަށެވެ. އަދި ރަސްމިއްޔާތު އޮންނަ ހޯލަށް ވަދެވޭނީ ދަޢުވަތު ކާޑާއެކު ފޮނުވާފައިވާ ކުޑަ އެކްސެސް ކާޑާއެކުކަމަށެވެ.

އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށްޓަވަން ސަރުކާރުން ނިންމަވާފައިވަނީ ރާއްޖޭގެ އިޖުތިމާޢީ ފޭރާން ރަނގަޅުކޮށް ދިވެހި މުޖުތަމަޢަކީ އިސްލާމީ ރީތިސިފަތަކާއި ޤައުމިއްޔަތުގެ ރޫޙު ހުރި މުޖުތަމަޢަކަށް ހެއްދެވުމުގެ މަޤްޞަދުގައެވެ.