ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފިއެވެ. މިޖަލްސާ އޮތީ ހުރަވީ ދުވަސްކަމުގައިވި ޖުމާދަލް އާޚިރާމަހުގެ 3 ވީ ބުރާސްފަތި ދުވަހުގެރޭ އިސްލާމީ މަރުކަޒުގައެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް ޢަބްދުﷲ ސަޢީދުއެވެ.

މިޖަލްސާގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ ދާޚިލީކަންކަމާއި ބެހި ބަސްބުނަމުންދާ ފަރާތްތަކަކީ އިސްލާމް ދީނުގެ ޢަދުއްވުންކަން ދިވެހިން އަބަދުވެސް ހަނދާކުރަންޖެހޭކަމަށާއި، ދިވެހިރާއްޖޭގެ ދާހިލީ ކަންކަމަށް އަތް ބޭނުމަށް މަސައްކަތްކުރާ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ޝައުގުވެރިކަން ފާޅުކުރަނީ ދިވެހިންނަށް ހެޔޮއެދިގެން ނޫންކަމަށާއި އެފަދަ ފަރާތަކަށް ސަމާލުވުމަށެވެ.

ޖަލްސާގެ ޝަރަފުވެރި މެހްމާން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް ޢަބްދުﷲ ސަޢީދުގެ ވާހަކަފުޅުގައި ދިވެހިންގެ ތެރޭގައި އޮންނަންޖެހޭ އުޚުއްވަތްތެރިކަމާއި އެއްބައިވަންތަ ކަމަށް ރައްކާތެރިވެ ދިވެހިރާއްޖޭގެ ބިމުގެ ސަރަޙައްދުގެ އެއްބައިވަންތަކަމަށް ރައްކާތެރިވެ ދިވެހިންގެ ތާރީޚާ އާދަކާދައާ ސަގާފަތާ ދިވެހިންގެ ތަރިކަތަކަށް ރައްކާތެރިވެ އަމާނާތްތެރިވާންޖެހޭކަމަށް ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ތެރޭގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީއާއި ކަށިމާގެ ޝާކިރުގެ އިތުރުން މަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރު ޢަރީޝާ ފަރުހަތު ހިމެނެއެވެ.

ހުރަވީދުވަސް ނިސްބަތްވެގެން ވަނީ އައްސުލްތާން ޣާޒީ ޙަސަން އިއްޒުއްދީނުލް ހުރަވީއަށެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ އެބަޠަލު ގެނެސްދެއްވި މިނިވަންކަމާއި ޤައުމިއްޔަތު ދަމަހައްޓާ ދިވެހިންގެ ހިތްތަކުގައި އެމިނިވަންކަން ދިރުވައި އާލާކުރުމެވެ.