ރާއްޖެ އިސްލާމްވި ދުވަސްފާހަގަކުރުމުގެ ގޮތުން ރަސްމީ ޖަލްސާ ބާއްވައިފި

މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ގުޅިގެން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ ބާއްވައިފިއެވެ. ޖުމްހޫރީ މައިދާނުގައި ބޭއްވި މިޖަލްސާގައި ރައީސުލްޖޫމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިޖަލްސާގައި ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތުން ވަނަވަނައަށް ދިޔަފަރާތްތަކަށް އިނާމު ދިނުންވެސް އޮތެވެ. މުޅިމުބާރާތުން 1 ވަނައަށް ދިޔަފަރާތްތަކަށް އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިޖަލްސާގައި މަރްޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވެ ދިވެހިންނަކީ އެއްބައެއްވަންތަ އެއްބައިވަންތަ ދިރިއުޅުމެއް އުޅެމުން ގެންދާ ބައެއްކަމާއި އެއްބަނޑު އެއްބަފާކަމާއި އެއްބައެއްވަންތަކަން ދިވެހިންގެ ކިބައިގައި އަށަގެންފައިވަނީ ރާއްޖެ އިސްލާމް ވި ފަހުންކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިން މިއަދު މިދެކޭ ތަރައްޤީއަކީ ރާއްޖެ އިސްލާމްކަންމަތީ ދެމިއޮތުމުގެ އަސްލުކަމާއި މުޙައްމަދު ތަކުރުފާނު، ދޮންބަންޑާރައިން، ޢަލި ރަސްގެފާނު، ޙުސައިން އާދަމް ފަދަ ބޭފުޅުން ޤައުމުގެ ހިމާޔަތުގައި ތެދުވުން، އެއީ އެބޭފުޅުންގެ ހިތްޕުޅުގައި ރާއްޖޭގެ މިނިވަންކަމާއި ދީނަށް އޮތް ލޯބި ވަރަށް ސާފުކޮށް ހާމަކޮށްދޭ އަލިގަދަ ހެއްކެއްކަން ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ދެއްކެވި ވާހަކަފުޅުގައި ރީތިކޮށް ޤުރުއާން ކިޔަވާ މީހުން ތިބި ނަމަވެސް ޤުރުއާނުގެ އަދަބާއި އަޚުލާގު މީހުންގެ ކިބައިން ފެންނަނީ ވަރަށް މަދުންކަން ފާހަގަކުރައްވާ އެރީތި ސިފަ ކޮންމެ މީހެއްގެ ކިބައިގައިވެސް މިއަދު އަށަގަންނަވަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު މިޖަލްސާގައި ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރ ސްކޫލް ޤުރުއާން މުބާރާތް މިއަހަރު ބާއްވަވާނެކަން އިޢުލާންކުރެއްވިއެވެ.