ދިއްދޫ ޤަބުރުސްތާނު ވަށާފާރު ރޭނުމުގެ މަޝްރޫޢުގައި ސޮއިކުރުން ބާއްވައިފި

ހއ. ދިއްދޫ ޤަބުރުސްތާނު ވަށާފާރު ރޭނުމުގެ މަޝްރޫޢު ފިޔަވަހި 1 ގައި ސޮއިކުރުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ބާއްވައިފިއެވެ.

މިނިސްޓްރީގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދު އެވެ. އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އަލްފާޟިލް އިބްރާހިމް ޒިޔަތުއެވެ.

މިމަޝްރޫޢުއަކީ ދެ ފިޔަވެއްސަކަށް ބަހާލައިގެން ކުރަން ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ. މިގޮތުން މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ގަބުރުސްތާނު ވަށާފާރު ރޭނުމުގެ މަސައްކަތެވެ. އަދި ދެވަނަ ފިޔަވަހީގެ ހިމެނެނީ ގަބުރުސްތާނަށް ވެލިއަޅާ ފަސްގަނޑު އެއްވަރުކުރުމެވެ. މިއީ ޕީ.އެސް.އައި.ޕީ ގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަޝްރޫޢުއެކެވެ.

މިކޮންޓްރެކްޓް ހަވާލުކުރެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއެވެ.

މިމަޝްރޫޢުގެ ސަބަބުން ހއ. ދިއްދޫ އަދި އެހެން ރަށްރަށުން އަތޮޅުހޮސްޕިޓަލްގެ ޚިދުމަތްހޯއްދެވުމަށް ވަޑައިގަންނަވާ މީހުންގެ ތެރެއިން ނިޔާވާ މީހުން، ޤަބުރުސްތާނުގެ ޖާގައިގެ ދަތިކަމެއްނެތި ވަޅުލުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.