ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ސަރުކާރުން ދެއްވައިފި

ޖަމްޢިއްޔާތައް ކުރިއަރުވާ ބާރުވެރިކޮށް، ރާއްޖޭގެ ތަރައްޤީގައި ހިމެނޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން 13 ޖަމްޢިއްޔާއަކަށް 2.2 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ސަރުކާރުން ދެއްވައިފިއެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުލުވާލި ފުރުޞަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 128 ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ. މިޕްރޮޕޯސަލްތައް އިވެލުއޭޓްކޮށްފައިވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް، ޔޫ.އެން.ޑީ.ޕީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގެ ބޭފުޅުން ހިމެނޭ 5 މެމްބަރުންގެ ކޮމިޓީއަކުންނެވެ. ޖަމްޢިއްޔާތަކުގެ ތަރައްޤީއަށް އެހީގެ ގޮތުގައި ފައިސާ ދިނުމުގެ އުސޫލަށް ބަލާ %95 އަށްވުރެ މަތިން މާކްސް ހޯދި 13 ޖަމްޢިއްޔާއަކަށް މިފައިސާގެ އެހީދެވުނެވެ.

މިފައިސާގެ އެހީލިބުނު ޖަމްޢިއްޔާތަކަކީ ފިޔޯރީ އެސޯސިއޭޝަން ފޯރ ކޮމިޔުނިޓީ އެމްޕަވަރމަންޓް (ގދ.ފިޔޯރ)، ހެނބަދޫ ޖޯޝް ޖަމްޢިއްޔާ (ނ.ހެނބަދޫ) ދޮންފަނު ޒުވާނުންގެ ރޫޙް (ބ.ދޮންފަނު)، އިކޯ ޔޫތު (ޅ.ނައިފަރު)، ވިމެން އެންހޭންސްމަންޓް (ލ.ފޮނަދޫ)، ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން (މ.ދިއްގަރު)، އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް (ކ. މާލެ)، މަހިބަދޫ ސްޕޯޓްސް ކްލަބް (އދ.މަހިބަދޫ)، މާޅޮސް ރިކްރިއޭޝަން އެންޑް އެންވަޔަރަމަންޓް ސޮސައިޓީ (ބ.މާޅޮސް)، ޖަމްޢިއްޔަތުލް އަންވާރު (އދ.ދަނގެތި)، ދިއްގަރު ޒުވާނުންގެ ޖަމްޢިއްޔާ (މ.ދިއްގަރު)، ޖަރނީ (ކ. މާލެ)، ހުވަދޫ އެއިޑް (ގދ.ހޯޑެއްދޫ)އެވެ.

މިރަސްމިއްޔާތުގައި ޖަމްޢިއްޔާތަކާ ފައިސާ ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހްމާން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމެވެ. މިކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޒުވާނުންނަށް ވެވަޑައިގެންނެވި ވަޢުދު ތަންފީޒްކުރައްވަމުން ގެންދަވާކަމުގެ ހެއްކެއްކަމަށާއި ކުލަބް ޖަމްޢިއްޔާ ޖަމާއަތްތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޢަބްދުﷲ ޔާމީން އިސްކަމެއް ދެއްވާކަމެއް ކަމުގައެވެ.

މި ރަސްމިއްޔާތުގައި ހޯމްމިނިސްޓަރ އަޒްލީން އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ގިނަ ޖަމްޢިއްޔާތަކަކީ އެކިއެކި ސަބަބުތަކަށްޓަކައި ހަރަކާތްތެރިވާން ދަތި ޖަމްޢިއްޔާތަކެއްކަން ފާހަގަކުރައްވާ، އެހެންކަމުން މިއީ ސަރުކާރުގެ ވަސީލަތްތައް ލިބެންހުރި މިންވަރަކުން ޖަމްޢިއްޔާތައް ބާރުވެރިކޮށް އިޖުތިމާޢީ ގޮތުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ޖަމްޢިއްޔާތަކަށް ފައިސާގެ އެހީދިނުމަށް ރައީސް ނިންމެވި ނިންމެވުމެއްކަމަށް ވިދާޅުވިއެވެ. މިކަމުގެ ބޭނުމަކީ އެ ޖަމްޢިއްޔާތައް ނިސްބަތްވާ ރަށްރަށާއި، އަތޮޅުތައް އަދި ސިޓީތައް އިޖްތިމާޢީ މުހިންމު ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ބައިވެރިންގެ ގޮތުގައި ޙަރަކާތްތެރިވުންކަމަށް ވިދާޅުވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މިފަހަރު ޕްރޮޕޯސަލް ހުށައަޅައި ފައިސާގެ އެހީ ނުލިބުނު ޖަމްޢިއްޔާތަށް މާޔޫސްވިޔަ ނުދެއްވާނެކަމަށާއިި މިއީ ފެށުމެއްކަމުގައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ ފާހަގަކުރެއެްވި ކަންތައްތަކުގެ ތެރޭގައި ޖަމްޢިއްޔާތަކުގެ މައްޗަށް ކުރުން ލާޒިމް ކަންތައްތަކެއްވެސް ފާހަގަކުރެއްވިއެވެ. އެގޮތުން ހޯމް މިނިސްޓްރީގައި ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް އުފައްދާ ދޫކޮށްލުމަކުން ތަރައްޤީގައި ބައިވެރިވެ ފައިމައްޗަށް ތެދުވެ ޒިންމާ އަދާކުރެވުނީކަމަށް ނުވާނެކަމަށް ވިދާޅުވިއެވެ.

ފައިސާގެ އެހީ ދިނުމުގައި ބަލާފައިވަނީ ޖަމްޢިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށާއި، ޖަމްޢިއްޔާގެ މެމްބަރުން ނުވަތަ މުވައްޒަފުންގެ ކެޕޭސިޓީ އިތުރުކުރުމަށާއި، ސަރުކާރުގެ ސިޔާސަތާއި ގުޅޭގޮތުން ހިންގޭ ތަރައްޤީގެ މަޝްރޫޢުތަކަށާއި، އެއްބައިވަންކަމާއި ޤައުމީ ރޫޙު ދިރުވުމަށް ކުރެވޭ ކަންކަމުގެ އިތުރުން ރަށް/އަތޮޅު/ސިޓީގެ ތަރައްޤީއަށް ކުރެވޭ އެހެނިހެން ކަންކަމަށެވެ.