ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ފުލިދޫގައި ބާއްވައިފި

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ފެލިދެ އަތޮޅު ފުލިދޫގައި މިއަދު ބާއްވައިފިއެވެ. މިޖަލްސާ އޮތީ ވ. އަތޮޅު މަދުރަސާގައެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދެވެ.

މިޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު އަޒްލީން އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، ޤައުމުދެކެލޯބިވާ ޒިންމާދާރު ރައްޔިތެއް އުފެއްދުމަށްޓަކައި އެދަރިންގެ ހިތްތަކުގައި ޤައުމިއްޔަތުގެ އޮތް އިންދަންޖެހޭ ކަމަށާއި އަޅުގަނޑުމެންގެ މުޅިވެށްޓަކީ އިސްލާމްދީނަށް ލޯބިކުރާ ދިވެހިބަހާއި އާދަކާދަތަކާއި ސަގާފަތަށް އަހުލުވެރި ވެއްޓަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވެ މިކަންކަން ހާސިލުކުރުމަށްޓަކައި ތާރީޚުގެ ފަތްފުށްތައް ކިޔާ ބަލައި އެއިން ޢިބުރަތް ލިބިގަންނަންޖެހޭ ކަމަށް ވިދާޅުވިއެވެ. ދިވެހިރާއްޖޭގައި ލިޔެވިފައިވާ 1000 އަހަރަށްވުރެ ގިނަދުވަސްވީ ތާރީޚެއް ފެންނާން އެބައޮތްކަމާއި މިދުވަސްތަކުގެ ތެރޭގައި ދިވެހިންގެ މިނިވަންކަން ނަގާލުމަށް ރޭވުނު ހުރިހާ ހާދިސާތަކެއްގައި ވެސް ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިންގެ މަދުބަޔަކު ބޭރުގެ ބާރުތަކުގެ ފައިބުޑުގައި އާދޭސް ދެންނެވިކަން ފާހަގަކުރައްވާ ދިވެހިރާއްޖެއާއި ތޮޅެން އައި ޕޯޗްގީޒުގެ ގުރާބުތައް ވިޔަސް، މަލާބާރުގެ ލަޝްކަރުތައް ވިޔަސް އަދި ތަމަޅަ ބާޣީ ކުލީ ސިފައިންކަމަށްވިޔަސް އެމީހުން މިރާއްޖެއައީ މިރާއްޖޭގެ ވެރިކަމަށް ދަހިވެތި މަދުޚާއިނުންގެ ސަބަބުންކަން މިއީ އެންމެންދަންނަން ޖެހޭ ހަގީގަތެއްކަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހީމް ދެއްކެވި ވާހަކައިގައި، ޤައުމަށް ދިމާވާ ކޮންމެ ޢުދުވާނީ ހަމަލާއަކުން ދިވެހިންނަށް ނަޞްރު ލިބިފައިވަނީ ދީނީ ވަޙުދަތާއި އީމާންތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވަނީ 1988 ގެ ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާތައް ދައްކުވައިދޭ ފޮޓޯ މައުރަޒެއްވެސް ފުލިދޫގައި ވަނީ މިއަދު ހުޅުވާފައެވެ. ފޮޓޯ މައުރަޒު ހުޅުއްވާދެއްވީ ހޯމްމިނިސްޓަރ އަޒްލީން އަޙްމަދުއެވެ.