ހަރުދަނާ މައިންބަފައިން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

"އުންމީދު- ފަހި މާދަމާ" ޕްރޮގްރާމްގެ ބައިވެރިންގެ ބެލެނިވެރިންނަށް ހިންގި ހަރުދަނާ މައިންބަފައިން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދިނުމުގެ ރަސްމިއްޔާތު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި މިއަދު ބާއްވައިފިއެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދުއެވެ.

މިޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ޤާނޫނާއި ޚިލާފުވާ 18 އަހަރުން ދަށުގެ ކުދިން ޒިންމާދާރު ޒުވާނުންގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ގެނައުމެވެ. އަދި މިކުދިން އިސްލާޙުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމުގައި ރިވެތި އަޚްލާޤާއި ސުލޫކު ދަސްކޮށްދިނުމާއި މުޖުތަމައު ބަލައިގަނެފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުދިންގެ ޢަމަލުތައް ބައްޓަންކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިކުދިންގެ މައިންބަފައިންނަށް އަމާޒުކޮށް 13 އޮކްޓޯބަރު 2016 އިން 29 އޮކްޓޯބަރު 2016 އަށް ޖުމްލަ 8 ދުވަހު (ކޮންމެ ދުވަހަކު 3 ގަޑިއިރަށް) ހަރުދަނާ މައިންބަފައިން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދެވިފައިވެއެވެ. މިޕްރޮގްރާމްގައި 16 މީހުން ބައިވެރިވިއެވެ. ބެލެނިވެރިންގެ އިތުރުން ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ފަރާތުން 5 ބެލެނިވެރިއަކު ބައިވެރިވިއެވެ.

މައިންބަފައިންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ބޭނުމަކީ ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމާއި ޢާއިލީ ގުޅުން ހަރުދަނާކުރުމާއި ކުދިން ތަރުބިއްޔަތުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމެވެ. މިގޮތުން ކުދިންނަށް ދިމާވާ މައްސަލަތައް، އެކުދިން އަމިއްލައަށް ޙައްލުކުރުމަށް އެހީތެރިވުމުގެ ހުނަރާއި، ކުދިންގެ ފަރާތުން ފާހަގަކުރެވޭ ހިތްހަމަނުޖެހޭ އުޅުމަށް ކުރިމަތިލުމުގެ ހުނަރާއި، މައިންބަފައިން ޤަބޫލުކުރާ މިންގަޑުތަކާއި އުސޫލުތަކާއި، ކުދިން ޤަބޫލުކުރާ އުޞޫލުތަކާ ފުށުއަރާ ޙާލަތްތަކުގައި މައްސަލަ ޙައްލުކުރާނެ ހުނަރު، މިތަމްރީނު ޕްރޮގްރާމުގައި ދަސްކޮށްދެވުނެވެ.