މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ޢާންމުންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ އިތުރު ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ޢާންމުންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ އިތުރު ފުރުޞަތު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހުޅުވާލައިފިއެވެ.

މިނިސްޓްރީން މިއަދު ނެރުއްވާފައިވާ އިޢުލާންގައިވާގޮތުން 2016 އޯގަސްޓް 16 ވަނަ ދުވަހުގެ ނިޔަލަށް މިފުރުޞަތުވަނީ ހުޅުވާލާފައެވެ. އަދި މިކަމާގުޅޭގޮތުން މީގެކުރިން ކުރައްވާ އިޢުލާނާއެއްގޮތަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން އިތުރަށް ކުރިމަތިލާން ނުޖެހޭނެކަމަށްވެސް މިއިޢުލާންގައި ބަޔާންކޮށްފައިވެއެވެ.

މީޑިއާ ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންގެ މައްޗަށެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލަނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.

އާންމު މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ގާނޫނީ ދާއިރާ އާއި ދިވެހި ބަހުގެ ދާއިރާ އާއި އިންސާނީ ހައްގުތަކުގެ ދާއިރާ އާއި ދީނީ އިލްމުގެ ދާއިރާއިން އަދި އިޖުތިމާއީ ސައިންސަސްގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށްވަނީ ކަނޑައަޅާފައެވެ.