7 ވަނަ ސާކް ހޯމް މިނިސްޓަރުންގެ ބައްދަލުވުން ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބާއްވައިފި

7 ވަނަ ސާކް ހޯމް މިނިސްޓަރުންގެ ބައްދަލުވުން ޕާކިސްތާނުގެ އިސްލާމް އާބާދުގައި ބާއްވައިިފިއެވެ. މިބައްދަލުވުންބޭއްވުނީ 04 އޮގަސްޓް 2016 ވަނަ ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގެ ސެރީނާ ހޮޓެލްގައެވެ. މިބައްދަލުވުން އިފްތިތާޙްކޮށްދެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފެވެ.

މިބައްދަލުވުން އިފްތިތާހް ކުރުމުގެ ރަސްމިއްޔާތަށްފަހު ސާކް ގައުމުތަކުން މިބައްދަލުވުމަށް ވަޑައިގެންނެވި ލީޑަރުން ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއްކޮށްފައެވެ. އެގޮތުން ރާއްޖޭގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަޙުމަދު ސިއްދީޤް ވަނީ މި އިޙްތިރާމްގެ ޒިޔާރަތުގައި ބައިވެރިވެވަޑައިގެންފައެވެ.

7 ވަނަ ސާކް ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަޙުމަދު ސިއްދީޤް ވަނީ ތަޤްރީރް ކުރައްވާފައެވެ. ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގައި ސާކް ޤައުމުތަކުގައި ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމާގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން ކަނޑުފޭރުމާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ހިއުމަންޓްރެފިކިންގއާއި، ޓެރަރިޒަމްއާއި ސައިބަރކްރައިމްގެ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަހުމަދު ސިއްދީޤްވަނީ ރާއްޖެއިން މިފަދަ ކަންތައްތައް ހުއްޓުވުމަށް މިހާތަނަށް ތަންފީޒް ކުރެވިފައިވާ ކަންތައްތަކާއި އެޅިފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

މީގެ އިތުރުން މިފަދަ މައްސަލަތައް ހައްލުކުރުމަށް ސާކް ޤައުމުތަކުން އަޅާ ފިޔަވަޅުތަކާއި އެގައުމުތަކުގެ ތަޖްރިބާ ސާކްގެ އެހެން ޤައުމުތަކާ ހިއްސާކޮށް މައުލޫމާތު ބަދަލުކުރުމާގުޅޭ ގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

އަދި 2012 ވަނަ ދިވެހިރާއްޖޭގައި ބޭއްވުނު 05 ވަނަ ސާކް ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖެއަށް އޭރު ދިމާވެފައިވާ ކަނޑުފޭރުމުގެ މައްސަލައާއި ގުޅޭގޮތުން ރާއްޖެއިން ހުށަހެޅި ކަރުދާސް އަލުން ރިވައިސްކުރުމަށް މި ބައްދަލުވުމުގައި ރާއްޖެއިން ވަނީ ހުށަހަޅާފައެވެ. 08 ވަނަ ސާކް އިންޓީރިއަރ ހޯމް މިނިސްޓަރުންގެ ބައްދަލުވުމާއި ހޯމް ސެކްރެޓަރީސްގެ ބައްދަލުވުން 2017 ވަނަ އަހަރު ސްރީލަންކާގައި ބޭއްވުމަށްވެސް މިބައްދަލުވުމުގައި ނިންމުނެވެ.