މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ހިންގި ކޯސްތަކުގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްމިނިސްޓަރ

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ހިންގި ކޯސްތަކުގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯމާލަމުގައި ބޭއްވި މިރަސްމިއްޔާތުގައި، ކޯސްތަކުގެ ތެރޭން ކޮންމެ ކޯހަކުންވެސް ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވުނު ކުދިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީވެސް މިނިސްޓަރ އުމަރު ނަޞީރެވެ.

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ މީޑިއާ އިންސްޓިޓިއުޓެވެ. މިތަން އުފެދި ފުރަތަމަ ބެޗްގެ ކޯސްތައް ނިންމި ކުދިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު، މި ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ކެމެރާ އޮޕަރޭޝަން، ސެޓްފިކެޓް ޕްރޮޑަކްޝަން ޓެކްނީޝަން(ޓީވީ)، ޓީވީ ޕްރޮޑަކްޝަން، ސެޓްފިކެޓްއިން ޓީވީ ޕްރެޒެންޓިންގެ އިތުރުން ސެޓްފިކެޓް އިން ރޭޑިއޯ ޕްރޮޑަކްޝަން ކޯހާއި، ސެޓްފިކެޓް އިން ރޭޑިއޯ ޕްރެޒެންޓިން ކޯސް ހިމެނެއެވެ.

ޕީއެސްއެމްގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ހިންގި މި ކޯސްތައް ނިންމާ ޖުމްލަ 61 ކުއްޖަކު ސެޓްފިކެޓް ހާޞިލްކޮށްފައިވެއެވެ.