ޔޫރަޕިއަން ޔޫނިއަން އެމްބަސެޑަރ ހޯމް މިނިސްޓަރއާއި ބައްދަލުކުރައްވައިފި

ޔޫރަޕިއަން ޔޫނިއަން އެމްބެސެޑަރ ޓު މޯލްޑިވްސް މރ. ޑޭވިޑް ޑެލީއާއި މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢުމަރު ނަޞީރާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ހޯމްމިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ރާއްޖޭގައި އެއްވެ އުޅުމުގެ މިނިވަންކަން އޮތް މިންވަރާ މެދު އީޔޫ ސަފީރު ސުވާލު ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދު ތަކުގައި އެއްވެސް ހުރަހެއް ނެތި އެއްވެ އުޅުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި މާލޭގައިވެސް މަގުތައް ފިޔަވައި އެހެން ހުރިހާ ސަރަހައްދެއްގައި އެއްވުންތައް ބޭއްވޭނެކަމުގައެވެ. މާލޭގެ މަގުތަކުގައި މުޒާހަރާކުރުމުން މަނާކުރެވެނީ މަގުތައް ތޮއްޖެހި ދުއްވާ އެއްޗެއްސަށާއި ހިނގާ ފަރާތަތަކަށް ދަތިވާނެތީކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ވޯޓުލުމަށް އިލެކްޓްރޯނިކް ސިސްޓަމެއް ޤާއިމް ކުރުމަށް ނިންމަވާފައިވާތީ ސިސްޓަމާމެދު އީޔޫއިން ވަޑައިގެން ތިއްބެވި ބޭފުޅުން ސުވާލުކުރެއްވުމުން މިނިސްޓަރ ވިދާޅުވީ މި ސިސްޓަމަކީ ރައްޔިތުންގެ އިތުބާރު ލިބޭނެ ސިސްޓަމަކަށް ވާން ޖެހޭނެ ކަމަށާއި މިސިސްޓަމާއެކު ކުރިއަށް ދާނީ ރައްޔިތުން އެއްބަސްވާނަމައެވެ. އަދި މިސިސްޓަމަކީ ސައުތު ކޮރެއާ ގައި ބޭނުން ކުރާ ސިސްޓަމްކަމަށާއި ބޭރުގެ އެއްވެސް ފަރާތަކުން ސިސްޓަމް ބައްލަވަން ބޭނުންފުޅުވާނަމަ އިލެކްޝަންގައި އެދިވަޑައިގެންނެވުމުން އެކަން ހަމަޖެހިގެން ދާނެކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ޑޭވިޑް ޑެލީ އަރިހުގައި ޔޫރަޕްގެ އެކި ޤައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.