ހޯމް މިނިސްޓަރ ނޭކުރެންދޫ ކައުންސިލުގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޢުމަރު ނަޞީރު ހދ. ނޭކުރެންދޫ ކައުންސިލްގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީީ ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ ކަންތައްތަކާ ގުޅޭގޮތުންނެވެ. މިގޮތުން ކައުންސިލުގެ ބޭފުޅުން ޖަލު އެޅުމުގެ މަސައްކަތް ގޮސްފައިވާ ހިސާބަކާ ގުޅޭގޮތުންނާއި، ޖަލުގެ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފުކުރުމާއި، ޖަލުގެ މުވައްޒަފުން ހޯދާ އިރު ރަށަށް އިސްކަން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ވިދާޅުވީ ޖަލުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި މިގޮތުން ޖަލުގެ ޕްރީ-ފެބް މޮޑިއުލްތައް ތައްޔާރުކުރުމަށް ފައިސާ ދެއްކިފައިވާ ކަމާއި އަދި ޗައިނާއިން ޕްރީ-ފެބް މޮޑިއުލްތައް ލިބުނުހާ އަަވަހަކަށް ޖަލު ރޭވުމުގެ ކަންތައް ފަށާނެކަމުގައެވެ. އަދި މިނިސްޓަރގވެސް ވިސްނުންފުޅަކީ ޖަލަށް ބޭނުންވާ މުވައްޒަފުން ހޯދުމުގައި ނޭކުރަންދޫއަށް އިސްކަން ދެއްވުން ކަމުގައި ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ނޭކުރެންދޫ ކައުންސިލްގެ މެންބަރު ޢަލީ އާދަމް އާއި މުޙައްމަދު ސިޒާން ބައިވެރިވެ ވަޑައިގެންނެވިއެވެ.