ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ އައްޑޫ ސިޓީގައި ބާއްވައިފި

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ އައްޑޫ ސިޓީގައި ބާއްވައިފިއެވެ. މިޖަލްސާ އޮތީ ޝަހީދުންގެ ދުވަސްކަމުގައިވި ޝަޢުބާން މަހުގެ 1 ވީ އާދިއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫ ޝަރަފުއްދީން ސްކޫލްގައެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފުއެވެ.

މިޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢުމަރު ނަޞީރު ދެއްކެވި ވާހަކަފުޅުގައި، ޝަހީދުންގެ ދުވަސް ފާހަގަ ކުރާ ބަޠަލް އަލިރަސްގެފާނުގެ ޖިހާދުގެ މައްޗަށް އަލިއަޅުވާލައްވަމުން ޕޯޗްގީޒުންގެ ލަޝްކަރުތައް މާލެ އަރައި ރާއްޖެ ހިފުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތު ވެސް އެމަނިކުފާނު ދެއްކެވީ ހިތްވަރުގަދަކަމާއި ގައުމު ދެކެ ލޯބިވާ ހަގީގީ ދިވެހި ދަރިއެއްގެ ސިފަ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ލޭ ދިވެހި ބިމަށް އޮހޮރިގެން ދިޔައީ ގައުމާއި ދީނުގެ ދިފާއުގައި ކަމަށް ވިދާޅުވެ، އެފަދަ ބަޔަކަށް ދިވެހި ކޮންމެ މީހަކު ވެސް ވާން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި ކިތަންމެ ކުޑަ ގައުމެއް ނަމަވެސް މިނިވަން ގައުމެއް ނަމަ، ޝަހީދުން ތިބޭނެކަމާއި އެމީހުންނަކީ ގައުމަށް އެންމެ ބޮޑު ހިދުމަތް ކޮށްދީފައި ތިބި ފަރާތްތައް ކަން ފާހަގަކުރެއްވިއެވެ. އެއްވެސް ކަމަކަށް ބެލުމެއް ނެތި އެ މީހުންގެ ފުރާނަ ގުރުބާން ކޮށް ނުރައްކަލަށް ހުށަހެޅެނީ، ލިބޭނެ މަގާމަކަށް އަދި ފައިސާއަކަށް ވެސް ނޫންކަން ފާހަގަކުރައްވާ އެމީހުންގެ ގުރުބާނުގެ ވާހަކަ އެ މީހުންނަށް އަޑުވެސް ނީވޭނެކަން އިނގޭ އިރު އެފަދަ ގުރުބާނީއެއް ވަނީ ގައުމަށް ޓަކައި އޮންނަ ލޯތްބެއްގެ ސަބަބުން ކަން ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި ޝަރަފުވެރި މެހްމާން ދެއްކެވި ވާހަކަފުޅުގައި ގައުމާއި އިސްލާމްދީނުގެ ދިފާޢުގައި މަސައްކަތްކޮށް އެކަމަށް ހޭލުންތެރިވެ ތިބެ އަދި އަޅުގަނޑުމެންގެ އަގީދާ ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާ ލެއްވިއެވެ.

މިޖަލްސާގައި ދުވަހާއި ގުޅޭގޮތުން ޝަރަފުއްދީން ސްކޫލްގެ ދަރިވަރު މަރިޔަމް ސައިފާ ރަޝީދާއި އަތޮޅު މަދުރަސާގެ ދަރިވަރު މަރިޔަމް ސަޖާޔާ ވާހަކަދެއްކެވިއެވެ. ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ. ޖަލްސާގައި ޤުރުއާން ކިޔަވައި ދެއްވީ ޝަރަފުއްދީން ސްކޫލްގެ ދަރިވަރު އައިމިނަތު ދީމާ މުޙައްމަދެވެ.