ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޝަރަފުއްދީން ސްކޫލަގަ

މިއަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ އޮންނާނީ އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފުއެވެ.

މިޖަލްސާގައި ޝަރަފުވެރި މެހުމާނުގެ އިތުރުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު ވާހަކަފުޅުދައްކަވާނެއެވެ. ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. މިދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާއުގައި ޕޯޗްގީނާއި ހަނގުރާމަކުރައްވައި ޢަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ.