އޮސްޓްރޭލިއާގެ ހައިކޮމިޝަނަރ އާއި ހޯމް މިނިސްޓަރު ބައްދަލުކުރައްވައިފި

އޮސްޓޭލިއާގެ ހައިކޮމިޝަނަރ ބްރައިސް ޑޭވިޑް ހަޗިންސަން އާއި މިނިސްޓަ އޮފް ހޯމް އެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރު ހޯމް މިނިސްޓްރީގައި ބޭއްވުނު މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކިވެފައިވަނީ ރާއްޖޭގެ ކުށުގެ މާޙައުލު އޮތް ގޮތާ ގުޅޭ ގޮތުންނާއި ދީނީ ގޮތުން ހަރުކަށި ޚިޔާލު ގެންގުޅޭ ފަރާތްތަކުގެ ސަބަބުން ރާއްޖެއަށާއި ރާއްޖެ އަންނަ ފަތުރުވެރިންނަށް ކުރިމަތިވާ ނުރައްކަލާ ގުޅޭ ގޮތުންނާއި ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު އޮތް ގޮތުގެ މައްޗަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުންނާއި ކުރިން ސަރުކާރުގެ އިސް މަޤާމްތައް ފުރުއްވާފައިވާ ބޭފުޅުންގެ ތެރެއިން މިވަގުތު ޖަލުގައި ތިއްބެވި ބައެއް ބޭފުޅުންނާ ބެހޭ ގޮތުން ވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

މިބައްދަލުވުމުގައި މިނިސްޓަރވަނީ ކުށްކުރާ އިންސައްތަ ދަށްކުރެވިފައިވާ ކަން ފާހަގަކުރައްވާފައެވެ. އަދި ދީނީ ހަރުކަށި ޚިޔާލުތައް ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ހައިކޮމިޝަނަރއާއި ޙިއްސާކުރައްވާ، މަރުގެ ޙުކުމް އިސްލާމްދީނުގައި އޮންނަ ގޮތް ސާފުކޮށްދެއްވާފައެވެ. އަދި މީގެއިތުރުން ހައިކޮމިޝަނަރުގެ ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމުގައި ކަން އޮތް ގޮތް ސާފުކޮށްދެއްވާފައެވެ.