ހޯމް މިނިސްޓަރ މާރަންދޫ ކައުންސިލާއި ބައްދަލުކުރައްވައިފި

މިިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު ހއ.މާރަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އަދްނާން އާއި އެ ކައުންސިލްގެ މެމްބަަރު އަލްފާޟިލް މުޙައްމަދު އަސްލަމާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ މާރަންދޫ ކައުންސިލް ހިންގާ އިމާރާތް ބާވެ ވީރާނާ ވަމުންދާތީ އާއި އެރަށުގައި ޕޮލިސް ޑެސްކެެއް ޤާއިމު ކުރުމުގެ މައްޗަށެވެ.

މިކަން ކަމާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ މާރަންދޫ ކައުންސިލް އިދާރާ ހެދުމަށް އައު އިމާރާތެއް އެޅުމަކީ އިސްކަމެއް ދެއްވާ ކަމެއްކަމަށާއި މިއަހަރު ސަޕްލިމަންޓްރީ ބަޖެޓް ތެރޭގައި މިކަން ހިމެނިފައިވާނެ ކަމަށެވެ. އަދި މިއަހަރު ތެރޭގައި މިކަން ފެއްޓެވުމަށް މަސައްކަތްކޮށްދެއްވާނެކަމަށާއި ޕޮލިސް ޑެސްކް ބެހެއްޓޭނެ ތަނެއް ދެއްކެވުމުން ޕޮލިސް ޑެސްކެއް ބެހެއްޓުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.