"އައި.އެސް.ޑީ.ބީ-ޓީ ސެމިނަރ އިން މޯލްޑިވްސް" ގެ ނަމުގައި ސެމިނާރ އެއް ބާއްވައިފި

ރާއްޖޭގައި ޑިޖިޓަލް ޓެލެވިޜަން ބްރޯޑްކާސްޓިންގް ނެޓްވަރކް އެއް ޤާއިމުކުރުމަށް ޚިޔާރުކުރެވިފައިވާ އައި.އެސް.ޑީ.ބީ-ޓީ ސްޓެންޑަރޑް އާއި ބެހޭގޮތުން ސެމިނާރ އެއް ރާއްޖޭގައި ބާއްވައިފިއެވެ.

މިއަދު މެންދުރު ފަހު ބަނޑޮސް އައިލްންޑް ރިސޯޓްގައި ބޭއްވުނު މި ސެމިނާރ އަކީ ރާއްޖޭގައި ގާއިމު ކުރެވޭ ބްރޯޑްކާސްޓިންގް ނެޓްވަރކް ގައި ޖަޕާނުގެ އައި.އެސް.ޑީ.ބީ-ޓީ ސްޓެންޑަރޑް ބޭނުންކުރުމާއި ބެހޭގޮތުން ރާއްޖޭގެ ކަމާބެހޭ އިދާރާތަކާއި ބްރޯޑްކާސްޓަރުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވުނު ސެމިނާރއެކެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޓީވީގެ ޚިދުމަތް މުޅިރާއްޖެ އަށް ފުޅާކޮށް ރާއްޖޭގައި ޒަމާނީ ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކެއް ޤާއިމުކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ކަމުގެ މައްޗައް އަލިއަޅުވާލެއްވިއެވެ. އަދި ޖަޕާނުގެ ސަރުކާރުގެ އެހީގައި މި ޤާއިމުކުރެވޭ ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ރާއްޖޭގެ ބްރޯޑްކާސްޓް ކުރާ ފަރާތްތަކުން ބޭނުންކުރެވޭނޭ މަގު ފަހިކުރެވޭނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އަދި ޖަޕާނުގެ ފަރާތުން ވާހަކަ ދެއްކެވީ، ޖަޕާނުގެ މިނިސްޓްރީ އޮފް އިންޓަރނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރ ފޮރ ބްރޯޑްކާސްޓިންގ ޓެކްނޮލޮޖީ ޑރ ރީކޯ ކޮންޑޯ އެވެ.

މި ސެމިނަރ އިންތިޒާމް ކުރީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް އާއި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ޖަޕާނުގެ މިނިސްޓްރީ އޮފް އިންޓަރނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް ގުޅިގެންނެވެ. މީގެ އިތުރުން ރާއްޖޭގައި ޕަބްލިކް އަދި ޕްރައިވެޓް ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި ރެގިއުލޭޓަރީ އިދާރާތައް އަދި ޖަޕާނުގެ ޓެލެވިޜަން ބްރޯޑްކާސްޓިންގް އިންޑަސްޓްރީގެ އިސްފަރާތްތަކާއި މިދާއިރާގެ ތަޖްރިބާކާރުންނާއި ރާއްޖޭގެ ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ، އެމް އެން ޑީ އެފް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިންވެސް މިސެމިނަރގައި ބައިވެރިވި އެވެ.