ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ފުވައްމުލަކުގައި ބާއްވައިފި

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ޏ. ފުވައްމުލަކުގައި ބާއްވައިފިއެވެ. މިޖަލްސާ އޮތީ ހުރަވީ ދުވަސްކަމުގައިވި ޖުމާދަލް އާޚިރާމަހުގެ 3 ވީ ހޮނިހިރު ދުވަހު ފުވައްމުލަކު އަތޮޅު ތަޢްލީމީ މަރުކަޒުގައެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢުމަރު ނަޞީރެވެ.

މިޖަލްސާގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އެންމެ ބޮޑަށް ފާހަގަކުރެއްވީ ދޮންބަންޑާރައިންގެ ޖިހާދުން ފިލާވަޅުތައް ލިބިގަނެ އެއިން އިބުރަތް ޙާޞިލްކުރުމަށެވެ. އެގޮތުން މަލާބާރީންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔައީ ގައުމަށް ގައްދާރުވި ދެ ދިވެހިންނާ ހެދި ކަމަށާއި މިކަންތައްތަކުން އިބްރަތް ހާސިލްކޮށް ގައުމަށް ގައްދާރުނުވެ މިނިވަންކަން ނަގާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދިނުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ހިޔާލު ތަފާތުވުންތަކަކީ އެހެން މީހުންނަށް ދައުވަތުދީ ގައުމުގެ މިނިވަންކަމަށް އަރައިގަތުމަށް ފުރުސަތު ދޭން ޖެހޭނެ ކަމެއް ނޫންކަމާއި ދޮން ބަންޑާރަ އިން މިސާލަކަށް ނަގައި އެންމެން ވެސް ގައުމަށް ތެދުވެރިވާން ޖެހޭކަމަށް ވިދާޅުވިއެވެ.

މަލާބާރީންގެ ހަމަލާތަކާއި ތަންތަނުގައި ހުޅުޖަހައި ރޯކޮށްލުމުގެ ސަބަބުން އެތައް ދިވެހިންނެއް ޝަހީދުވެ ގެއްލުންތައް ލިބުނުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އޭރު ވެރިއަކަށް ހުންނެވި ރަސްގެފާނު ވެސް ހައްޔަރުކޮށް އެތަކެއް ބޮޑެތި އަނިޔާތައްދީފައިވާ ކަމުގައެވެ. މަލާބާރީންގެ ވެރިކަމަށް ތިން މަސް ފުރިފައި ވަނިކޮށް ރާއްޖެ ސަލާމަތްކުރަން ތެދުވެވަޑައިގަތީ ދޮން ބަންޑާރައިން ކަން ފާހަގަކުރައްވާ، މަލާބާރީން ތިބި މަރުކަޒަށް ދަންވަރުގެ ވަގުތެއްގައި ހަމަލާދީ ދޮން ބަންޑާރައިންނާއި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި 200 އެއްހާ ދިވެހިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ދޮން ބަންޑާރައިންނަކީ ހިތްވަރު ގަދަ، ޖެހިލުންކުޑަ، އަދި ގައުމަށް ތެދުވެރި ބޭފުޅެކެވެ. މިހާރުގެ ޖީލުތަކުން ވެސް އެމަނިކުފާނުގެ ނަމޫނާ ބަލައިގަނެ ގައުމަށް ތެދުވެރިވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

މިޖަލްސާގައި ޢައްބާސް އިބްރާހީމް (ނ.ޢ.ޢ.ވ) ދެއްކެވި ވާހަކަފުޅުގައި ފުވައްމުލަކީ ޤުރުއާނުގެ ޢިލްމު އެންމެ ބޮޑަށް ކުރިއަރައިގެންދާ އަތޮޅުކަން ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދުދާއިރާގެ މެންބަރު ޢަލީ ފަޒާދުއާއި ފުވައްމުލަކު އުތުރުދާއިރާގެ މެންބަރު ޢަލީ ޝާހް ހިމެނެއެވެ. ޖަލްސާގައި ޤުރުއާން ކިޔަވައި ދެއްވީ ފުވައްމުލަކު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ލޫޠު ޢަބްދުލްޢަޒީޒުއެވެ. ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ފުވައްމުލަކު އަތޮޅު ކައިންސިލުގެ ރައީސް ޢަބްދުﷲ ފަލާޙް ޝަރީފެވެ. މިޖަލްސާގައި ފުވައްމުލަކުގެ ގިނައަދަދެއްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.