ދިއްދޫ ދާއިރާގެ މެމްބަރު ހޯމްމިނިސްޓަރާއި ބައްދަލު ކުރައްވައިފި

ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއް ލަޠީފް މުޙައްމަދުު މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި އެލްޖީ އޭގެ ރައީސް ޢުމަރު ނަޞީރާއި ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރު ހޯމްމިނިސްޓްރީގައި ބޭއްވުނު މިބައްދަލުވުމުގައި ހއ.ދިއްދޫ ކައުންސިލްގެ މެމްބަރުނާއި މިމިނިސްޓްރީގެ ޑިރެކްޓަރ މުޙައްމަދު ޖަވާދު ޔޫސުފް ބައިވެރިވެ ވަޑައިގަތެވެ. މިބައްދަލުވުމުގައި ވާހަކަ ދެކެވިފައިވަނީ ހއ.ދިއްދޫގައި ގަބުރުސްތާނެއް އިމާރާތްކުރުމާ ގުޅޭގޮތުންނެވެ.

މިމަސައްކަތް ކުރުމާ ގުޅޭގޮތުން މިމިނިސްޓްރީއާ މިހާރުވެސް މަޝްވަރާ ކުރެވެމުންދާކަން ވެސް ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވިއެވެ. އަދި މިބައްދަލުވުމުގައި އެންމެ "އަރޖަންޓް" ކަމެއްގެ ގޮތުގައި އެކަން ކުރުމަށް އަންގަވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޤަބުރުސްތާނުގެ ވަށާފާރު ރާނާ ވެލިއެޅުމާއި އިމާރާތްކުރުމާ ހުރިހާކަމަކަށް އެއްކޮށް ހިނގާނެ ޚަރަދު ފޮނުވުމުން، މިކަން ކުރުމަށް ބޭނުންވާ ފައިސާ ހޯދައިދެވޭނެކަމުގައި މިމިނިސްޓްރީގެ ޑިރެކްޓަރ މުޙައްމަދު ޖަވާދު ޔޫސުފް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން އޮފީސް ޢިމާރާތް އެޅުމަށް ބަޖެޓްކޮށް، ބަޖެޓް ލިބިފައިވާ ނުވާކަމަށް ކައުންސިލުން ފާހަގަކުރެއްވިއެެވެ. މިކަމާގުޅޭގޮތުން މިނިސްޓަރ ވިދާޅުވެފައިވަނީ މިހާރުގެ އޮފީސް މަރާމާތު ކުރުމަށް ލިޔެވިފައިވާ ކަމަށާއި، އެބަޖެޓް ލިބިއްޖެނަމަ އެލިބޭ ބަޖެޓުން އާ ޢިމާރާތެއް އިމާރާތްކުރާ ގޮތަށް ބަދަލުކުރާގޮތަށް ހަމަޖައްސައިދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ.