މިލަންދޫ ދާއިރާގެ މެމްބަރު ހޯމްމިނިސްޓަރާއި ބައްދަލު ކުރައްވައިފި

މިލަންދޫ ދާއިރާގެ މެމްބަރު ޙަސަން މުފީދު ޢަބްދުލް ޤާދިރު މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި އެލްޖީ އޭގެ ރައީސް ޢުމަރު ނަޞީރާއި ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރު ހޯމްމިނިސްޓްރީގައި ބޭއްވުނު މިބައްދަލުވުމުގައި މިލަންދޫ ދާއިރާގެ މެމްބަރުގެ އިތުރުން ށ. ފީވަކު ކައުންސިލްގެ ބައެއްބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. މިބައްދަލުވުމުގައި ވާހަކަ ދެކެވުނީ ށ.ފީވަކުގައި ޕޮލިސް ސްޓޭޝަން މިހާރު ހިނގަމުންދަނީ ރައްޔިތުންގެ ޢިމާރާތެއްގައި ކަމަށްވެފައި، މި އިމާރާތުގައި ޕޮލިސް ސްޓޭޝަން ހިންގުމަށް ވެފައިވާ އެގްރީމަންޓް މުއްދަތު ހަމަވުމުން މިރަށު ޕޮލިސް ސްޓޭޝަން ނެގުމުގެ ބަދަލުގައި، މިރަށުގައި ޕޮލިސް ސްޓޭޝަނެއް ބެހެއްޓުމަށް އެދޭވާހަކައެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި ބަޖެޓްގެ ދަތިކަން އެބަހުރިކަމަށާއި، ޕޮލިސް ސްޓޭޝަން ރަށުގައި ބެހެއްޓޭނީ ކުލި ނުދައްކާ ޢިމާރާތުގައި ތިބެވޭނެ ގޮތް ހަދައިދީގެން ކަމަށާއި ކައުންސިލުން އެދިވަޑައިގެންފި ނަމަ، އެލްޖީއޭ ރައީސްގެ ހައިސިއްޔަތުން މިކަމުގައި ރައްޔިތުން ބޭނުންވަނީ ހިލޭ ޢިމާރާތުގައި ތިބެވޭ ގޮތަށް ފުލުހުންގެ ޚިދްމަތް ދިނުމަށްތޯ ނުވަތަ ނޫންތޯ ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިޔުމަށް އެންގިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ޕްރީ-ފެބް ޕޮލިސް ސްޓޭޝަންތައް ލިބުމުން ރަށުގައި ޕޮލިސް ސްޓޭޝަން ޤާއިމް ކުުރެވިދާނެ ކަމަށާއި ނަމަވެސް މިކަމަށް 6 މަސްދުވަސްވަރު ނަގާނެ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.