ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާގައި މަޝްވަރާކުރެވުނީ ތިންދާއިރާއަކަށް

ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ބާއްވަމުންގެންދާ ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާގައި މަޝްވަރާކުރެވުނީ ތިންދާއިރާއެއްގެ މައްޗަށެވެ. މިގޮތުން ފުރަތަމަ މަޝްވަރާކުރެވުނީ ތަރައްޤީގައި ސިވިލްސޮސައިޓީގެ ދައުރާއި ބެހޭގޮތުންނެވެ. މިސެޝަންގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މަދަނީ ޖަމްއިއްޔާތަކުގެ ދައުރަށާއި، ޤައުމުގެ ތަރައްޤީގެ ލަނޑުދަނޑިތަކާއި ބައިނަލްއަޤްވާމީ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ޖަމްޢިއްޔާތަކާއި ދައުލަތުން ގުޅިގެން ކުރެވޭނެ ކަންތައްތަކުގެ މައްޗަށެވެ. މީގެ ތެރޭގައި ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމާއި، ސަރުކާރު ޒިންމާދާރުކުރުމަށް މަދަނީ ޖަމްޢިއްޔާތަކަށް އަދާކުރެވޭނެ ދައުރަށް ބަލާލެވުނެވެ.

ދެވަނައަށް މަޝްވަރާކުރެވުނީ ޖަމްޢިއްޔާތަކަށް ދިމާވާ ގޮންޖެހުންތަކާއި، ބޭނުންތައް އަދި ފުރުޞަތުތަކުގެ މައްޗަށެވެ. މިސެޝަނުގައި ޖަމްޢިއްޔާތަކަށް ކުރިމަތިވާ ތަފާތު އެކިގޮންޖެހުންތަކާއި މިފަދަ ގޮންޖެހުންތައް ކުރިމަތިވާ މަސްދަރުތައް (ޤާނޫނީ، ރެގިއުލޭޓަރީ، ފަންނީ އަދި މާލީ ކެޕޭސިޓީ) ފަދަ ކަންތައްތަކަށް ތަފްޞީލްކޮށް ބަލާ މިކަންކަން ޙައްލުކުރެވޭނެގޮތްތައް ޖަމްޢިއްޔާތަކުން ހުށަހެޅުނެވެ.

ތިންވަނައަށް މޝްވަރާކުރެވުނީ ސިވިލްސޮސައިޓީއާއި ވިޔަފާރިތަކުގެ އިޖްތިމާޢީ ޒިންމާތަކުގެ މައްޗަށެވެ. މިސެޝަނުގައި އަލިއަޅުވާލެވުނީ މަދަނީ ޖަމްޢިއްޔާތަކުގެ އިޖުތިމާއީ ދައުރާއި، މަދަނީ ޖަމްޢިއްޔާތަކާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތްކުރުމަށް އޮތް ފުރުޞަތުތަކުގެ މައްޗަށެވެ.