ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ ފަށައިފި

ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ޔޫ.އެން.ޑީ.ޕީން ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ މިއަދު ހެނދުނު 9 ޖެހިއިރު ދަރުބާރުގޭގައި ފަށައިފިއެވެ. މިމަހާސިންތާ ޝަރަފުވެރުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރުއެވެ.

މިމަހާސިންތާގެ މަޤްޞަދަކީ ރާއްޖޭގައި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް ޤައުމުގެ ތަރައްޤީއަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުކުރުމާއި ޖަމްޢިއްޔާތައް ޙަރަކާތްތެރިވުމުގައި ދިމާވާ ދަތިތައް ދެނެގަތުމާއި، ސަރުކާރުން މިކަންކަން ރަނގަޅުކުރުމަށް ކުރެވޭނެ ކަންތައްތަކުގެ ޕްލޭނެއް އެކުލަވާލުމާއި، ޖަމްޢިއްޔާތަކާއި، އަމިއްލަފަރާތްތަކާއި އަދި ކުންފުނިތައް ގުޅިގެން ގައުމުގެ ކުރިއެރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމެވެ.

މިމަހާސިންތާގައި ޝަރަފުވެރި މެހުމާނު ޢާޒިމާ ޝަކޫރުގެ ވާހަކަފުޅުގައި މުޖުތަމައުގެ ބައިވެރިވުން ނެތި އެއްވެސް ގައުމެއްގެ ތަރައްގީގެ އެޖެންޑާއެއް ކުރިއަށް ނުގެންދެވޭނެކަމަށާއި ރާއްޖޭގެ ތަރައްގީއަށް ކޮށްފައިވާ މަސައްކަތްތަކުގައި ވެސް މުޖުތަމައުގެ ބައިވެރިވުން ބޮޑުކަން ފާހަގަކުރައްވައި އޭގެ މިސާލަކީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކަމަށް ވިދާޅުވިއެވެ. އެއަރޕޯޓް ހުޅުވުމުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އޭރު އޮތް ނަމަވެސް މިހާރު މުޖުތަމައުގެ ރޫހަކީ ސަރުކާރުން ހުރިހާ ކަމެއް ކުރުން ކަމަށް ވެދާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. މިސާލަކަށް މާލޭގެ އަވަށު ސްކޫލްތައް، އެއީ މާލޭގެ ސިވިސް ސޮސައިޓީތަކުގެ ތެރެއިން އުފެދިގެން ތަރައްގީވެގެން އައި މުއައްސަސާތަކެއް. އެ މުއައްސަސާތަކުން ދިވެހި ގައުމަށް ކޮށްފައިވާ ހިދުމަތްތަކާ ގުޅޭގޮތުން އެއީ ސުވާލުކުރެވޭނެ ހިދުމަތްތަކެއް ނޫން، މުޖުތަމައުގެ ދައުރު ކުރިން އަދާކޮށްފައިވާ ގޮތާ ގުޅޭގޮތުން އާޒިމާ ވިދާޅުވިއެވެ.

މީގެއިތުރުން އަތޮޅުތަކުގެ ތަރައްގީ އަށް ކުރިން ކޮށްފައި ހުރި ގިނަ މަސައްކަތްތަކުގައި ވެސް ރައްޔިތުންގެ ދައުރު ވަރަށް ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންކަމުން ޖަމިއްޔާތަކުގެ ގާނޫނީ އޮނިގަނޑެއް އެކުލަވާލާއިރު މުޖުތަމައުގައި އިހުއްސުރެން ބޭނުންކުރަމުން އައި ރަނގަޅު އާދަކާދަތައް ބޭނުންކޮށްގެން އިޖުތިމާއީ ހިދުމަތްތައް ތަރައްގީކުރުމަށް މަހާސިންތާގެ ބައިވެރިން މަޝްވަރާކުރަން އާޒިމާ އެދިވަޑައިގެންނެވިއެވެ.

މަރްޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ހޯމް މިނިސްޓަރ ޢުމަރު ނަޞީރެވެ. ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އަލްފާޟިލް ޔޫސުފް ޢަބްދުލްޣަފޫރުއެވެ.

މިމަހާސިންތާގައި ޖަމިއްޔާތަކުގެ ވެބްޕޯޓަލް އިފްތިތާޙްކުރެވުނެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިމަހާސިންތާގައި 104 ޖަމްޢިއްޔާއަކުން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ މިގޮތަށް ބޭއްވޭ 3 ވަނަ މަހާސިންތާއެވެ.