ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ މާދަމާ އޮންނާނެ

ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބޭއްވުމަށް ހަމަޖެހިފައިވާ ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ މާދަމާ އޮންނާނެއެވެ. މިމަހުގެ 23ން 24 ނިޔަަލަށް ކުރިއަށް ގެންދާ މިމަހާސިންތާ އޮންނާނީ މާދަމާ ހެދުނުން ފެށިގެން ދަރުބާރުގޭަގައެވެ. މިމަހާސިންތާ ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރުއެވެ.

މިމަހާސިންތާގެ މަޤްޞަދަކީ ހިލޭސާބަހަށް މަސައްކަތްކުރުމަށް ރާއްޖޭގައި އުފައްދާފައިވާ ޖަމްޢިއްޔާތަކުގެ ތަރައްޤީއަށްޓަކައި ސަރުކާރާއި ގުޅިގެން ކުރެވޭނެ ކަންތައްތައް ފާހަގަކޮށް، ޖަމްޢިއްޔާތަކުގެ ދައުރުފުޅާކުރުމުގައި ޖަމްޢިއްޔާތަކުން އިސްނަގައިގެން ކުރެވޭނެ ކަންތައްތައް ފާހަގަކުރުމެވެ. މީގެއިތުރުން ޖަމްޢިއްޔާތައް ހިންގުމުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަކީ ކޮބައިތޯބަލާ މިކަންކަން ހައްލުކުރުމުގައި މިމިނިސްޓްރީން ކޮށްދެވޭނެ ކަންތައްތައް ފާހަގަކުރުންވެސް ހިމެނެއެވެ.

މިމަހާސިންތާގައި 104 ޖަމްޢިއްޔާއަކުން ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މީގެއިތުރުން އޮބްޒާވަރުންގެ ގޮތުގައި 43 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ސަރުކާރުގެ 16 އޮފީހަކުންނާއި ސަރުކާރު ހިއްސާވާ 12 ކުންފުންޏަކުންނާއި އަދި އަމިއްލަ 11 ކުންފުންޏަކުންނެވެ.

މިމަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވާފައިވަނީ ކޮންމެ ޖަމްޢިއްޔާއަކުންވެސް 1 ފަރާތަކަށެވެ. މިއީ މިގޮތަށް ބޭއްވޭ 3 ވަނަ މަހާސިންތާއެވެ.