ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާ މިއަދު، ކ.ގުރައިދޫގައި ބާއްވައިފި

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާ މިއަދު ކ.ގުރައިދޫ ގައި ބާއްވައިފިއެއެވެ. ގުރައިދޫ ސްކޫލްގައި ބޭއްވުނު މިޖަލްސާ ފެށިގެން ދިޔައީ ކީރިތި ޤުރުޢާނުގެ ބަރަކާތުންނެވެ.

މިޖަލްސާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙުމަދު ޒިޔާދެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަ ފުޅުގައި އިސްލާމީ ތާރީޚަށް ބަލާއިރު ރާއްޖެ އިސްލާމްވި ޙާދިސާ އަކީ ދޮގުކުރެވެން ނެތް ޙާދިސާއެއްކަމުގައި ވިދާޅުވިއެވެ. މިގޮތުން ވާހަކަފުޅުދައްކަވަމުން، ޢުމަރު ރަޟިﷲ ޢަންހުގެ ޚަލީފާކަމުގައި މިސްރުގެ ގިނަބަޔަކު އިސްލާމްވީ، ނީލަކޯރަށް ފުރާވަރުގެ އަންހެންކުއްޖަކު ވެދުންކުރުން ހުއްޓުވުމަށް ނީލަކޯރަށް ފަތްކޮޅުފޮނުއްވި ހާދިސާއާއި، ރާއްޖެ އިސްލާމްވި ހާދިސާއާއި އެއްގޮތް ދެހާދިސާކަމުގައި މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވަމުންނެވެ. މިދެހާދިސާގައި ވެސް މީހުން ގަބޫލުކުރަމުން އައީ ޖިންނި ޝައިތާނުންގެ ފަރާތުން ވަމުންދާކަމެއްކަމަށާއި، ނަމަވެސް މިދެހާދިސާއިންވެސް މިފަދަ ކަންކަމަކީ މާތް ﷲގެ ކުޅަދުންވަންތަކުމުން ހިނގާ ކަންކަން ކަމަށް މީހުންނަށް ވިސްނި، އިސްލާމްދީން ގަބޫލުކުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހުޅަނގުގެ ލާދީނީ ފިކުރުތަކުގެ އޮއިވަރުގާޖެހި އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ވެރީންނަށް އަދާކުރުމަށް އަންގަވާފައިވާ ޤަދަރާޢި އިޚްތިރާމް ކުޑަކުރުމީ ގައުމަށާއި ދީނަށް ވެވޭ ޚިޔާނާތެއްކަމުގައި ވިދާޅުވިއެވެ.

އަދި މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލެއްވީ، ދީނާއި ޚިލާފު އަމަލުތަކުން ރައްކާވެތިބުމަށާއި، ދަރީންނަށް އިސްލާމްދީން އެންމެ ހެޔޮގޮތުގައި ދަސްކޮށްދިނުމަށާއި، ފިކުރީ ހަނގުރާމަތަކުން ލިބޭ ގެއްލުންތައް ބުނެދިނުމަށާއި އެފަދަ ކަންކަމުން ސަލާމަތް ވާނޭގޮތް ބުނެދިނުމަށް ވަސިއްޔަތް ކުރައްވާ، އަދި ދީނީ ހުކުމްތައް ތަންފީޒު ކުރުމަށާއި، ދީނީ ވަހްދުތައް ވަރުގަދަ ކުރުމަށާއި، ދީނީ އެއްބައިވަންތަކަން ރައްކާތެރި ކުރުމަށް ކޮންމެފަދަ ޚަރަދަކާއި ކޮންމެފަދަ ޤުރުބާނީއެއްވެސް ވުމަށް ދިވެހިސަރުކާރުން އެންމެފިޔަވަޅެއްވެސް ފަހަތަށް ނާޅާނެކަމަށް ދިވެހިރައްޔިތުންނަށް ވަޢްދުވެވަޑައިގެން، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްކަމުގައި ތާއަބަދު ލަހައްޓަވާ، ދިވެހި މުސްލިމުން ޣައިރު މުސްލިމުންގެ މަކަރުވެރި ރޭވުންތަކުން ސަލާމަތް ކޮށްދެއްވުމަށްއެދި ދުޢާ ވިދާޅުވަމުންނެވެ.

އަދި މި ރަސްމިއްޔާތުގައި ދުވަހާގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އަލްފާޟިލް އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެ އިސްލާމްވި ހާދިސާ އެކި ގޮތްގޮތަށް އައިސްފައި ވީނަމަވެސް، މީގެން ކޮންމެ ހާދިސާއެއްގައިވެސް ރަންނަމާރިއެއްގެ ވާހަކަ އައިސްފައި ވާކަމަށެވެ. އަދި މިވާހަކަތަކުން ދިވެހީންގެ ތެރޭގައި ހުންނަންނުޖެހޭ ބައެއްކަހަލަ ސިފަތަށް ހުރިކަން ދޭހަވާކަމަށް އެބޭފުޅާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ދީނާއި ދޮކޮޅަށް އެކިފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާކަމަށާއި، އެހެންކަމުން އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ތައުލީމީ މަންހަޖާއި ތަރުބިއްޔަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އަދި މިޖަލްސާގައި ރައްޔިތުންގެ މަޖްލީހުގެ ކ.ގުރައިދޫ ދާއިރާގެ މެމްބަރު އަލްއުޘްތާޛު އިބްރާހީމް ރިޟާ ދެއްކެވި ވާހަކަ ފުޅުގައި މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު، ކީރިތި ޤުރުޢާނުގައި ބަޔާންކޮށްފައި ވާފަދައިން އީމާންވުމާއި، ހެޔޮއަމަލު ކުޅައުމާއި، ޙައްޤަށް ވަޞިއްޔަތް ކުޅައުމާއި އަދި ކެއްތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކުޅައުމުގެ އަސާސްތައް އަށަގަނުވަން ޖެހޭކަމަށް ހަނދުމަކޮށްދެއްވިއެވެ.

ދިވެހި ދައުލަތުން ރަސްމީގޮތުގައި އިސްލާމްދީން ޤަބޫލުކޮށް ދިވެހިރާއްޖޭގެ ރައްޔިތުން އެދީނަށް އެނބުރުމަށް އޭރުގެ ރަދުން އަމުރުކުރެއްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު (1153 މ. ޖޫން) މަހުގެ ތެރޭގައެވެ. ރާއްޖެ އިސްލާމްވީ ދުވަހެއް ގެންނަވާ އެދުވަސް އެންމެ ފުރަތަމަ ފާހަގަކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލް އައްވަލްގެ ރަސްކަމުގެ ވަރަށް ކުރީކޮޅުއެވެ.

މި ޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އޮފީސްތަކުގެ އިސްބޭފުޅުންނާއި، އަދި ޢާންމު ބައެއް ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެއަށްފަހު ޖަލްސާ ނިމިގެން ދިޔައީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ކުރެވުނު ޚާއްޞަ ދުޢާ އަކުންނެވެ. އިސްވެ މިދުޢާކޮށްދެއްވީ އައްޝައިޚް ޢަލީ ޝަރީފެވެ.