އޭޖީއޮފީހާއެކު ހޯމް މިނިސްޓްރީން ބައްދަލުވުމެއް ބާއްވައިފި

އެޓާނީ ޖެނެރަލްގެ އޮފީހާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުމަކީ ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސްމަޖައްލާ އޮންލައިން ވެބްސައިޓް އަދި މިނޫންވެސް މީޑިއާތަކާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާ ރައްދުވާ ފަރާތަކީ ޤާނޫނީ ޝަޚްޞެއް ނޫންކަމުން މިފަދަ މައްސަލަތައް ބެލުމަށް ދަތިތަކެއް ދިމާވެ، މައްސަލަ ހުށަހަޅާ ފަރާތުގެ ޙައްޤު ގެއްލިގެންދާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިހާރުން މިހާރަށް ކުރެވޭނެ ކަންތައްތަކާއި މެދު މަޝްވަރާކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި އެޓާނީޖެނެރަލްގެ އޮފީހުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ސީނިއަރ ސްޓޭޓް އެޓާރނީ އަލްއުސްތާޒާ ޙާފިޒާ ޢަބްދުއްސައްތާރުއެވެ. މިނިސްޓްރީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ލީގަލް ސެކްޝަނާއި މީޑިއާ ސެކްޝަނުގެ ބޭފުޅުންނެވެ.