މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާއެކު ބައްދަލުވުމެއް ބާއްވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާއެކު ހޯމް މިނިސްޓްރީން މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސްމަޖައްލާ އަދި އޮންލައިން ނޫސްތަކަކީ ގާނޫނާއި ގަވާއިދުގެ ބޭރުން ހިންގަމުންދާ ތަންތަންކަމުން މިފަދަ ތަންތަނުގެ ޝަކުވާ މީޑިއާ ކައުންސިލަށް ހުށަހެޅެމުންދާތީ މިމައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން އެފަދަ ތަންތަނާއި މެދު ޢަމަލުކުރާނެ އުޞޫލަކާއި މިންގަނޑެއް ކަނޑައެޅުމާއި މިކަމަށް ހައްލެއް ހޯދާނެ ގޮތްތަކަކާއި ބެހޭގޮތުން މިނިސްޓްރީއާއެކު މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން މީޑިއާގެ ދާއިރާ ތަރައްޤީކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މީޑިއާ ކައުންސިލްގެ ފަރާތުން 7 ބޭފުޅުންނާއި މިނިސްޓްރީގެ ފަރާތުން 6 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.