ކްލަބް ޖަމްޢިއްޔާތަކަށް ބާއްވާ ޤައުމީ ފޯރަމް ފަސްކޮށްފި

ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ، ކްލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކްލަބް ޖަމްޢިއްޔާތަކުގެ ޤައުމީ ފޯރަމް، ބާއްވާ ތާރީޚު ޖަމްޢިއްޔާތަކުގެ އެދުމުގެ މަތިން ހޯމް މިނިސްޓްރީން ފަސްކޮށްފިއެވެ. މިފޯރަމް ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚަކީ 2016 ޖެނުއަރީ 24 ން 25 އަށް ދަރުބާރުގޭގައެވެ.

ފޯރަމް ބާއްވާ ތާރީޚު ފަސްކުރުމާ ގުޅިގެން އިތުރުން ޖަމްޢިއްޔާތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ފޯރމްގައި ބައިވެރިވުމުގެ މުއްދަތު 31 ޑިސެމްބަރ 2015 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކްލަބް ޖަމްޢިއްޔާތަކުގެ ޤައުމީ ފޯރަމް 2015 ގެ މަޤްޞަދަކީ ހިލޭސާބަހަށް މަސައްކަތްކުރުމަށް ރާއްޖޭގައި އުފައްދާފައިވާ ކްލަބް ޖަމްޢިއްޔާތަކުގެ ތަރައްޤީއަށްޓަކައި ސަރުކާރާއި ގުޅިގެން ކުރެވޭނެ ކަންތައްތައް ފާހަގަކޮށް ޖަމްޢިއްޔާތަކުގެ ދައުރުފުޅާކުރުމުގައި ޖަމްޢިއްޔާތަކުން އިސްނަގައިގެން ކުރެވޭނެ ކަންތައްތައް ފާހަގަކުރުމެވެ. މީގެއިތުރުން ޖަމްޢިއްޔާތައް ހިންގުމުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަކީ ކޮބައިތޯބަލާ މިކަންކަން ހައްލުކުރުމުގައި މިމިނިސްޓްރީން ކޮށްދެވޭނެ ކަންތައްތައް ފާހަގަކުރުންވެސް ހިމެނެއެވެ.