ރަސްމީ ދަތުރުފުޅެއްގައި ޕާމަނަންޓް ސެކްރެޓަރީ ޗައިނާއަށް މިރޭ ފުރާވަޑައިގަންނަވާނެ

މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގެ ޕާރމަނަންޓް ސެކްރެޓަރީ އަލްފާޟިލް އިބްރާހީމް ޙަމީދު ރަސްމީ ދަތުރުފުޅެއްގައި މިރޭ ޗައިނާއަށް ފުރާވަޑައިގަންނަވާނެއެވެ. މިދަތުރުފުޅަކީ ޗައިނާގެ ބެއިޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވޯރކްޝޮޕް އޮން ޕަބްލިކް އެޑްމިނިސްޓްރޭޝަން ފޮރ އެގްޒެކެޓިވް ސެކްރެޓަރީ އޮފް މޯލްޑިވްސް" ގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިވޯކްޝޮޕްގެ މައިގަނޑު މަގްޞަދަކީ ޗައިނާގެ ޘަޤާފަތާއި އާދަކާދަ އަދި ޗައިނާގެ ސިވިލްސަރވިސް ހިންގާ ގޮތާއި، ސިވިލްސަރވިސް އާއި ބެހޭ އެކިއެކި މަޢުލޫމާތު އޮޅުން ފިލުވައި ދިނުމެވެ. މީގެ އިތުރުން ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން 20 މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެތެރޭގައި ސިވިލް ސާރވިސްގެ އެކިދާއިރާތަކުންނާއި އަތޮޅު ކައުންސިލް އަދި ރަށުކައުންސިލް އިދާރާތަކުން ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.