އަޑި ޕާކުގަ ހުރި އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރަނީ

ހެންވޭރު އަޑި ޕާކުގައި ހުރި ދިވެހިރާއްޖޭގެ އަޑުގެ އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި އެ ރަށުން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. އެންޓަނާތައް ހަރުކުރުމަށް އެމްޓީސީސީއިން 5 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކުމަށްވަނީ ހަމަޖެހިފަ އެވެ.

އެންޓަނާތައް ބަދަލުކޮށް، ހިތްފަސޭހަ މައިދާނެއްގެ ގޮތުގައި އަޑި ޕާކް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރެވޭނެ އެވެ.