ކަޅުއޮށްފުންމި ބަންނަން ފަށައިފި

ކަޅުއޮށްފުންމި ބަނުމުގެ މަސައްކަތް ފަށައިފިއެވެ. މިހާރު ވަނީ އޮޑީގެ ފަށަންދެމި ދެ މައްޔާ ހަރުކުރެވި އޮޑީގެ ވަވަށް ޖެހިފައެވެ. އޮޑިބަނުމުގެ މަސައްކަތް ކުރަނީ ރ. އަލިފުށީ 9 ވަޑިން ބޭނުންކޮށްގެން ހދ. ނޭކުރެންދޫގައެވެ.

ކަޅުއޮށްފުންމި ބަނުމަށް ވަނީ ވަރަށްގިނަ ދިރާސާ ތަކެއް ކުރެވިފައެވެ. އެގޮތުން މުޙައްމަދު ތަކުރުފާނު ރާއްޖެ އިސްލާމް ކުރެއްވުމުގައި މިއޮޑީގެ ބޭނުން ހިއްޕަވާފައިވާ ގޮތާއި، ބަންނަން ބޭނުންކުރައްވާފައިވާ އުކުޅުތަކާއި، އޮޑީގެ ދުވެއްޔާއި، އުސްތިރި މިނާއި ބޭނުން ކޮށްފައިވާ ލަކުޑިއަށްވެސް ވަނީ ބަލާލެވިފައެވެ.

އަލުން ކަޅުއޮށްފުންމި އެއް ބަނުމަށް ޚިޔާލު ހުށަހެޅީ މިނިވަން 50 އޮފީހުން ބޭއްވި ފޯރަމެއްގައި މެރިޓައިމް އެންޑް އަންޑަރ ވޯޓަރ ހެރިޓޭޖް ސޮސައިޓީ އޮފް މޯލްޑިވްސް ޖަމުޢިއްޔާ އިންނެވެ. މިޖަމުޢިއްޔާ އަކީ ރާއްޖޭގެ ތާރީޚީ ކަންކަން އާލާކުރުމަށް މަސައްކަތްކުރާ ޖަމުޢިއްޔާއެކެވެ. މިފަރާތުން ޚިޔާލު ހުށަހެޅުމުން މިނިސްޓްރީން ވަނީ، މިކަމަކީ ދިވެހިރާއްޖޭގެ ތާރީޚަށް ކުރެވޭ ވަރަށްބޮޑު ޚިދުމަތެއް ކަމުން މިކަން ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

ދެވަނަ ކަޅުއޮށްފުންމިއެއް ބަންނައިރު އޭގެ އަސްލު ނުގެއްލޭނެގޮތަށް މި އޮޑި ބަނދެވޭނީ، ހަމަ އެއޮޑީގައި ބޭނުންކޮށްފައިވާ ލަކުޑިއާއި ވައްޓަފާޅި ބޭނުންކޮށްގެން ކަމުން، މިއޮޑީގައިވެސް ވަކަރުފުށް ނުވަތަ ހިލަފުށް ލާނީ ބޭރުފުށަށެވެ. އާންމުގޮތެއްގައި އޮޑި ބަންނައިރު ހިލަފުށް ލާނީ އެތެރެފުށަށެވެ. މިގޮތަށް މިކަންކުރުމުގައި ޙިކުމަތްތަކެއް ވާނޭކަން ކަށަވަރުވާކަމުގައި މިއޮޑި ބަނުމަށް މަސައްކަތްކުރައްވާ މިނިވަން 50 އޮފީހުން މަޢުލޫމާތު ދެއްވައެވެ. ކަޅުއޮށްފުންމި ބަނުމުގައި ރުކުގެ ލަކުޑީގެ އިތުރުން ގަސްލަކުޑި އަދި ކުރެދި ބޭނުންކުރެވޭނެއެވެ.