ޔޫތު ލީޑަރސް ނެޓް ވޯކުން އިސްލާމިކް މިނިސްޓަރާއި ބައްދަލުކުރައްވައިފި

       ޔޫތު ލީޑާރސް ނެޓުވޯކުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙަންމަދު ޝަހީމު ޢަލީ ސަޢީދާ ބައްދަލުކުރައްވައިފިއެވެ. 2015 އޭޕްރީލް 8 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، އެމިނިސްޓްރީން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި ޔޫތު ލީޑާސް ނެޓްވޯކްގެ ފަރާތުން ބައިވެރިވެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

      މިގޮތުން އިސްލާމިކް މިނިސްޓްރީން ތައްޔާރުކުރާ އިސްތިހާރުތައް، ތައްޔާރުކުރުމުގައާއި އަދި އެވެއަރނަސް ޕްރޮގްރާމްތަކުގެ ތެރެއިން  ޔޫތު ލިޑާސް ނެޓްވޯކާއި ގުޅިގެން ކުރިއަށް ގެންދެވެންހުރި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތުވެސް ހުޅުވާލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

          ޔޫތު ލީޑާރސްގެ މަސައްކަތްތަކުގައި އިސްލާމިކް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެކަމާއި،  ބޭރުން ވަޑައިންނަވާ "އިސްލާމިކް ސްކޮލާޒް" ން ބާއްވަވާ ސެޝަންތަކުގައި ވީހާވެސް ގިނަ ޔުނިވަރސިޓީ ކޮލެޖް ދަރިވަރުން ބައިވެރިކޮށް، މިފަތަ ކަންކަމުގައި ޒުވާނުންގެ އެއްބާރުލުން ލިބޭނެ ގޮތްގޮތަށް މި ސެޝަންތައް ރޭވިގެން ދާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރަމަޟާން މަހަށް މުޞްހަފް ހަދިޔާ ކުރެވޭނެކަމަށާއި ކީރިތި ޤުރުއާންގެ ޓްރާންސްލޭޝަން އަދި نبي محمد صلى الله عليه وسلمގެ ހަޔާތްޕުޅުގެ މައްޗަށް ތައްޔާރުކުރެވިފައިވާ ކުރު ފޮތެއް ހަދިޔާ ކުރުން ހިމެނޭކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

          ޔޫތު ލީޑާސް ނެޓްވޯކަކީ ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހަދައި ޒުވާނުންނަށް މަދަނީ ގޮތުން ޙަރަކާތްތެރިވެގެން އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ބެލެނިވެރިކަމުގެ ދަށުން އުފައްދަވާފައިވާ ނެޓްވޯކެކެވެ.