ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގެ 14 ވަނަ ބުރުގެ ނިމުން ފާހަގަކޮށްފި

ޖުވެނައިލް ޖަސްޓިސް ޔުނިޓުން ޔުނިސެފްގެ އެހީގައި 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގެ 14 ވަނަ ބުރު ގެ ނިމުން ސްޓެލްކޯ މާލަމުގައި ބާއްވައިފިއެވެ.

ކަމާގުޅޭ ދާއިރާތަކުން ޖުމްލަ 29 މީހުން ބައިވެރިވި މިޓްރެއިނިންގެ މަޤްޞަދަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް، އަހުލުވެރިކުރުވުމުގެ ގޮތުން ކުށްކުރާ ކުޑަކުދިންނާމެދު ޢަމަލުކުރާނެ ޚާއްޞަ އުޞޫލުތަކާއި، މިންގަނޑުތަކާއި ފިޔަވަޅުތައް އަންގައިދިނުމުގެ ގޮތުން ކަމާ ގުޅުން ހުރި ދާއިރާތަކުގެ މީހުން ތަމްރީނުކުރުމެވެ.

މި ޓްރެއިނިންގައި މަޢުލޫމާތު ދެވުނު ބައިތަކަކީ ފުލުހުންނާއި، ޝަރުޢީދާއިރާއާއި އަދި ކުށްކުރާ ކުދިންނާއެކު މަސައްކަތް ކުރާ ދާއިރާތައް، ''ރެސްޓްރެޓިވް ޖަސްޓިސް'' ފަލްސަފާގެ އަލީގައި ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ގޮތްތަށް ތަޢާރަފްކުރުމެވެ.

މިބައްދަލުވުމުގައި ކުށްކުރާ ކުދިންނާމެދު ޢަމަލުކުރާނެ ގޮތުގެ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤަވާޢިދުތައް އޮޅުން ފިލުވައިދީ، ރެސްޓްރެޓިވް ޖަސްޓިސްގެ ފަލްސަފާއާއި ބައިނަލް އަޤްވާމީ މުޢާހަދާތަކުގެ އަލީގައި ހެދިފައިހުރި ޢަދްލުގެ ނިޒާމު ތަޢާރަފުކޮށްދީ، މިކަންކަމުގެ މައްޗަށް ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުމެވެ.

މިޓްރެއިނިންގެ ދަށުން މިހާތަނަށްވަނީ 358 މީހުން ތަމްރީނުކޮށްފައެވެ.