އދ. އަތޮޅު އޮފީހުގެ އާޢިމާރާތް އަތޮޅު ކައުންސިލް އޮފީހާއި ޙަވާލުކޮށްފި

އދ. އަތޮޅު އޮފީހުގެ އާޢިމާރާތް އަތޮޅު ކައުންސިލް އިދާރާއާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ޙަވާލުކުރައްވައިފިއެވެ.

މިޢިމާރާތް ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ 2014 އޯގަސްޓް 13 ވަނަ ދުވަހު އދ. އަތޮޅު ކައުންސިލް އޮފީހުގައެވެ. ޢިމާރާތް ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ހޯމްމިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓެރީ އަލްފާޟިލް އިބްރާހީމް ޝަހީބުއެވެ. އދ. އަތޮޅު ކައުންސިލްގެ ފާރާތުން ސޮއި ކުރެއްވީ އެއިދާރާގެ ރައީސާ އަލްފާޟިލާ ސުހާނާ އާދަމްއެވެ.

މި ޢިމާރާތަކީ އަތޮޅު ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންގެ މަސައްކަތްތައް ކުރާނެ ރަނގަޅުފެންވަރުގެ މާހައުލެއް ގާއިމުކުރުމުގެ ގޮތުން ސަރުކާރުގެ އެހީގައި ޢިމާރާތްކޮށްފައިވާ ދެ ބުރީގެ ޢިމާރާތެކެވެ. މިމަޝްރޫޢުގެ އެގްރީމެންޓްގައި ސޮއިކުރެވި މަސައްކަތް ފެށިފައިވަނީ 2008 އޭޕްރީލް 16 ގައެވެ. މިމަސައްކަތް ހިންގާ ބަލަހައްޓަމުންގެންދެވީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުންނެވެ. ނަމަވެސް 2008 ގައި ސަރުކާރު ބަދަލުވުމާއި ގުޅިގެން މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އުވާލައި އެމިނިސްޓްރީން ކުރަމުން ގެންދެވި މަސައްކަތްތައް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރިޔަށްގެންދަވާގޮތަށް ސަރުކާރުން ހަމަޖެއްސެވިއެވެ. މަސައްކަތުގެ ކޮންޓްރެކްޓް އަގަކީ 3,467169.15 ( ތިންމިލިއަން ހަތަރުލައްކަ ފަސްދޮޅަސް ހަތްހާސް އެއްސަތޭކަ ފަސްދޮޅަސް ނުވަރުފިޔާ ފަނަރަލާރި ) އެވެ. އިމާރާތައް ޚަރަދުވީ 2،749،285.05 (ދެ މިލިއަން ހަތްލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ އަށްޑިހަ ފަސްރުފިޔާ ފަސްލާރި) އެވެ. މަޝްރޫޢުގެ މަސައްކަތް ނިމިފައިވަނީ 2014 ޖޫން 24 ގައެވެ.