ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެކުވެރި ޤައުމުތަކާއިއެކު އޮންނަ ގުޅުން ދަމަހައްޓާ، ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ފުރިހަމައަށް ތަބާވުން

ދިވެހިރާއްޖެއަކީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މުޢަހަދާތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށްހިތާ ޤައުމެއްކަމަށާއި ދިވެހިސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެކުވެރި ޤައުމުތަކާއިއެކު އޮންނަ ގުޅުން ދަމަހައްޓާ، ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ފުރިހަމައަށް ތަބާވުމަށްކަމަށް ހޯމްމިނިސްޓްރީން ބުނެފިއެވެ.

ހޯމްމިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި އިންޓަރޕޯލް އަކީ ބައިނަލްއަޤްވާމީ ފުލުހުންގެ އެންމެ ބޮޑު މުއައްސަސާ ކަމަށްވެފައި ދިވެހިރާއްޖެއަކީ 1984 ވަނަ އަހަރުން ފެށިގެން އިންޓަރޕޯލްގެ މެންބަރަކަށްވާތީ އިންޓަރޕޯލްއިން ނެރޭ "ރެޑް ނޯޓިސް" ދިވެހި ސަރުކާރުން ވަރަށް އިސްކަމެއްދީގެން ސީރިއަސްކަމާއި އެކު ފިޔަވަޅު އަޅަމުން އަންނަ އެއްޗެއްކަމަށް ފާހަގަކޮށްފައިވެއެވެ.

އަދި ރަޝިޔާގެ ރައްޔިތަކާއި ދެކޮޅަށް އިންޓަރޕޯލްއިން ނެރެފައިވާ ރެޑް ނޯޓިސްއަކާއި ގުޅިގެން 2014 ޖުލައި 05 ވަނަ ދުވަހު އެފަރާތްވަނީ ދިވެހިރާއްޖެއިން ފޮނުވާލެވިފައި ކަމަށާއި މިކަމުގައި މޯލްޑިވްސް ޕޮލިސް ސާރވިސްއިން އަމަލުކޮށްފައިވަނީ މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި އަމަލުކުރަމުން އަންނަ އުޞޫލާއި އެއްގޮތަށްކަމަށް ބަޔާނުގައިވެއެވެ.