ސަރުކާރުގެ އެހެން ވުޒާރާތަކުން ކުރަމުންއައި ބައެއް މަސައްކަތް ހޯމްމިނިސްޓްރީ އަށް ބަދަލްކުރައްވައިފި.

ސަރުކާރުގެ ބައެއް ވުޒާރާތަކުން ކުރަމުންއައި ބައެއް މަސައްކަތް ހޯމްމިނިސްޓްރީގެ މަސައްކަތް ތަކުގެ ތެރެއަށް ބަދަލްކުރައްވައިފިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތް އެންޑު ސްޕޯޓްސްއިން ކުރައްވަމުން ގެންދެވި ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމާއި ނޫސްވެރިންގެ ދަފްތަރު ބެލެހެއްޓުމާއި އަދި ނޫސްވެރިން ދަފްތަރު ކުރުންވެސް ވަނީ ހޯމްމިނިސްޓްރީގެ މަސައްކަތުގެ ތެރެއަށް ބަދަލްކުރައްވާފައެވެ. މީގެއިތުރުން ޕްރިންޓް މީޑިއާއި އިލެކްޓްރޯނިކް މީޑިއާ އަދި ބްރޮޑްކާސްޓިންގެ ދާއިރާ ތަރައްގީ ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅާ އެދާއިރާތައް ތަރައްގީ ކުރުމަށް މަގުފަހިކުރުންވެސް ހިމެނެއެވެ.

ކުރިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ދަށުން ހިނގަމުންއައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ހޯމްމިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީހެއްގެ ގޮތުގައި ކަޑައަޅުއްވާފައިވެއެވެ. އަދި ރާއްޖޭގެ އެއްގަމާ ކަނޑާ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަމުގެ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ސަޔާސަތު ކަނޑައަޅައި، މިކަމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި އެކަންކަމަށް ބޭނުންވާ ތަމްރީންގެ މިންގަޑުތައް ކަނޑައަޅާއި ސަނަދު ދިނުންވެސް އަލަށް ހޯމްމިނިސްޓްރީއާއި ހަވާލުކުރެއްވި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

ރާއްޖޭގައި ބޯޓް ފަހަރު ބަނުމާއި ބޯޓްފަހަރު މަރާމަތްކޮށް ބެލެހެއްޓުމާއި ބެހޭ ސިޔާސަތުތަކާއި މިންގަޑު ކަޑައަޅާ، އެކަންކަމަށް ބޭނުންވާ ޤާނޫނާއި ގަވާއިދު އެކުލަވާލައި ހިންގުންވެސް ހަވާލު ކުރެއްވި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.