ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފި

1435 ވަނަ އަހަރުގެ ޝަހީދުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިސްނަގައިގެން ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މެއި 31 ވަނަ ދުވަހުގެ ހަވީރު އޮލިމްޕަހުގައެވެ.

މިރަސްމިއްޔާތުގައިި ދުވަހާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު ޢިބުރަތްތަކެއް ހާސިލްވެގެން ގޮސްފައިވާ ކަމަށާއި، އެގޮތުން ދިވެހިންނަށް އިސްލާމް ދީން ނޫން އެހެން ހިޔާވަހިކަމެއް ނެތް ކަމާއި، މިގައުމަށް ޣައްދާރުވެއްޖެ ކޮންމެ ދިވެއްސެއް ބަލިކުރާނެ ދިވެހިން ތިބޭނެކަން އެނގި ހާމަވެފައިވާ ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަން ދެމިއޮތުމުގެ މައިގަނޑު ސަބަބަކީ އިސްލާމް ދީން ކަމަށާއި އެނޫން އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ސުކޫތެއް ގެނައުމާއި ރާއްޖެ އިސްލާމްވިދުވަހާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޑްރާމާއެއް ދެއްކުމާއި ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން ތައްޔާރުކުރައްވާފައިވާ ތާރީޚީ ފަސްމަންޒަރު ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ގެ އިތުރުން 3 ނޮވެމްބަރ 1988 ގައި ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޑްރާމާއެއް ދެއްކުމާއި އަދި މިޙަމަލާގެ ދުވަހުގެ ތަޖުރިބާ ޙިއްސާކުރައްވާފައިވާ ބޭފުޅެއްގެ ގޮތުން ނިޝާނު ޢިއްޒަތްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޢައްބާސް އިބްރާހީމް ވާހަކަފުޅު ދެއްކެވިއެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވީ ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއަކުންނެވެ.