|
ރިޓަޔަރީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގާކޮމެޓީގެ ބޭފުޅުން ހޯމްމިނިސްޓަރ އަލްފާޟިލް އުމަރު ނަޞީރާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު 9 ޖެހިއިރު ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި އެއެސޯސިއޭޝަންގެ ބޭފުޅުންނަށް މިވަގުތު ދިމާވެފައިވާ ދަތިތަކާއި އެކަމުގައި ސަރުކާރުގެ ފަރާތުން އެހީތެރިކަމަށްއެދި ކަމާގުޅޭ މައުލޫމާތު މިނިސްޓަރ އަށް އެރުވިއެވެ. އަދި އެޖަމްއިއްޔާ އުފެއްދެވި މަގުސަދާއި އަދި ޖަމްއިއްޔާގެ ފަރާތުން މުޖްތަމައުއަށް ކޮށްދެވިދާނެ ކަންކަމާގުޅޭ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ.
މިނިސްޓަރ އުމަރު ނަޞީރު ދެއްކެވި ވާހަކަފުޅުގައި ހޯމްމިނިސްޓްރީގެ ފަރާތުން ކޮށްދެވެންހުރި ހުރިހާކަމެއްގައި ވެސް އެހީތެރިވެދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެތެރެއިން ކުރެވެންއޮތް ހުރިހާ ކަމެއްގައިވެސް އެހީތެރިވެދެއްވާނެކަމަށް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ރިޓަޔަރީސް އެސޯސިއޭޝަންގެ ރައީސް އަލްފާޟިލް އަބްދުއްރަޝީދު ހުސައިން އާއި ނައިބުރައީސުން ކަމުގައިވާ އަލްފާޟިލާ އަނީސާ އަހުމަދު، އަލްފާޟިލް އަބްދުލްއަޒީޒުގެ އިތުރުން ހިންގާކޮމެޓީގެ މެމްބަރ ބަދުރުއްނަޞީރު، އަދި މަސްއޫލުމެންބަރ އަހުމަދު ވަޖީހު ބައިވެރިވެވަޑައިގެންނެވިއެވެ.