50 އަހަރުން މަތީގެ ގައިދީންނަށް ލުއިދިނުމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ނިންމަވައިފި

ރާއްޖޭގެ އެކި ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ 50 އަހަރުން މަތީގެ ޢުމުރުން ދުވަސްވީ ގައިދީންނަށް ލުއިގޮތެއް ހޯއްދަވާ ދެއްވުމުގެ ގޮތުން ހުޅުމާލޭ ލުއިޖަލަށް އެގައިދީން ބަދަލުކުރުމަށް ހޯމްމިނިސްޓަރ ޢުމަރު ނަޞީރު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ޙާލުއަހުވާލު ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަކަށްފަހުގައެވެ. މިޒިޔާރަތަށްފަހުގައި މިނިސްޓަރވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ ޢާޒިމްއަށް މިކަން ތަންފީޒުކޮށްދިނުމަށް ސިޓީއަކުން ދަންނަވާފައެވެ.

50 އަހަރުން މަތީގެ 71 ގައިދީއަކު ރާއްޖޭގެ ޖަލުތަކުގައި ތިބިއިރު މީގެތެރެއިން 50- 60 އަހަރާއި ދެމެދުގެ 52 ގައިދީއަކާއި 60- 70 އަހަރާއި ދެމެދުގެ 4 މީހަކާއި 70 އަހަރުން މަތީގެ 11 ގައިދީއަކާއި ތަޙުޤީގު މަރުހަލާގަ ތިބި 4 ގައިދީއެކެވެ.

50 އަހަރުން މަތީގެ ގައިދީންގެ ތެރެއިން އެހެން ގައިދީންނަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ މީހުން ފިޔަވައި އެހެން ގައިދީން ހުޅުމާލޭ ލުއި ޖަލަށްބަދަލުކުރަން ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ ޢާޒިމްއަށް، ހޯމް މިނިސްޓަރ އެންގެވީ އެއީ ޢުމުރުން ދުވަސްވެފައިވާ މުސްކުޅި ގައިދީންކަމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ކަމަށެވެ.