މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގަވާޢިދު ގެޒެޓްކޮށްފި

މިގަވާއިދަކީ ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނޫ) އާއި ގާނޫނު ނަމްބަރ 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

މިގަވާއިދު ގެޒެޓްކުރުމާ ގުޅޭގޮތުން މިއަދު މިމިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރ ޢުމަރު ނަސީރު ފާހަގަކުރެއްވި ގޮތުގައި މީހުން މެރުމުގެ މައްސަލަތައް ތަހުގީގުކުރުމުގައާއި އަދި ޙުކުމް ތަންފީޒުކުރުމުގެ ކުރިން ޢަމަލުކުރަން ޖެހޭ އިޖުރާއާތުތަކެއް މިގަވާއިދުގައި ބަޔާންކޮށްފައިވާނެ އެވެ. އަދިި ތުހުމަތު ކުރެވޭ މީހާއާއި މަރުވި މީހާގެ ވާރިސުންނާ ދެމެދު ޞުލްހަ ކުރުމުގެ މަސައްކަތްވެސް އެގަވާއިދުގެ ދަށުން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާނެކަމުގައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ކުށްސާބިތުވެފައިވާ މީހާއަށް މަރުގެ އަދަބު ދޭން އެއްވެސް ވާރިސަކު ދެކޮޅު ހަދައިފިނަމަ ކުށްވެރިޔާ މަރުގެ އަދަބުން ސަލާމަތްވެ އެހެން އަދަބެއް އޭނާއަށް އަންނާނެ ކަމުގައެވެ.

މިގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަރުގެ އަދަބު ތަންފީޒުކުރާނީ ލީތަލް އިންޖެކްޝަން ޖަހައިގެންނެވެ. މިގަވާއިދަށް މިއަދުން ފެށިގެން ޢަމަލުކުރަމުން ގެންދާނެއެވެ.