ޕާކިސްތާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކޮމްޕިއުޓަރ ސިސްޓަމްތަކެއް ހަދިޔާކޮށްފި

ޕާކިސްތާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 47 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކޮށްފިއެވެ.

މިއަދު މިމިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޕާކިސްތާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ މުޙައްމަދު ސަޢީދު ޚާން އެވެ. ފުލުހުންގެ ފަރާތުން މިތަކެއްޗާ ހަވާލުވވަޑައިގެންނެވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަލްފާޟިލް ޢުމަރު ނަޞީރުއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާނާއި ރާއްޖެއަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެޤައުމުކަން ފާހަގަކުރައްވައި މިއެހީގެ ސަބަބުން ފުލުހުންގެ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމާއި ޕާކިސްތާން ސަރުކާރުން މިދެއްވި އެހީއަށް ޝުކުރު އަދާކުރެއްވިއެވެ.

ޕާކިސްތާން ހައިކޮމިޝަނަރ މުޙައްމަދު ސަޢީދު ޚާން ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާން ސަރުކާރުން ވެދިން އެހީގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށާއި، ކުރި އޮތްތަނުގައިވެސް ޕާކިސްތާނު ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.