މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްގުގެ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިކުރުމުގެ ބައްދަލުވުންތަކެއް ފ. އަތޮޅުގައި ބާއްވައިފި

ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްގުގެ ޤާނުނާއި ޤަވާޢިދަށް އަހުލުވެރިކުރުމުގެ ގޮތުން ފ. އަތޮޅުގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ބާއްވައިފިއެވެ. މިއޭޕްރީލް މަހުގެ 8 ން 12 އަށް ހިންގި މިޕްރޮގްރާމްގައި ފ. އަތޮޅުގެ 5 ރަށްކަމުގައިވާ ފީއަލި، ބިލެތްދޫ، މަގޫދޫ، ދަރަނބޫދޫ އަދި ނިލަންދޫގެ 552 ފަރާތްތަކަށް މިޤާނޫނާއި ޤަވާޢިދާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދެވުނެވެ.

ހޯމްމިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މިބައްދަލުވުންތަކުގައި ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދާނެ ގޮތާއި އަދި މަޢުލޫމާތު ލިބިދެވޭނެގޮތް އޮޅުންފިލުވައި ދިނެވެ. މިޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ކަންކަން ދެފުށްފެންނަގޮތައް ހާމަކުރުމަށް މަގު ފަހިކޮށްދިނުމާއި ކޮރަޕްޝަން ހުއްޓުވުމެވެ.

މިޕްރޮގްރާމް ކުރިއަށް ގެންދަނީ ކޮންމެ ރަށެއްގައިވެސް ހުރި ސަރުކާރުގެ ރަސްމީ އިދާރާތަކާއި، ކްލަބް ޖަމްޢިއްޔާތަކާއި އަދި ސްކޫލްތަކުގެ ގްރޭޑް 8 ން ފެށިގެން މަތީގެ ދަރިވަރުންވެސް ހިމެނޭގޮތަށެވެ. މިބައްދަލުވުންތަކުގައި މަޢުލޫމާތު ދެއްވީ މިމިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

މިއީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ އަތޮޅުތަކުގައި ހިންގުމަށް ކަނޑައަޅާފައިވާ 5 އަތޮޅުގެތެރެއިން ދެވަނަ އަށް މިޕްރޮގްރާމް ބޭއްވުނު އަތޮޅެވެ. މިއަހަރުގެ ތެރޭގައި ވ. އަތޮޅުގެ 5 ރަށުގައިވެސް ވަނީ މިޕްރޮގްރާމް ހިންގާފައެވެ.