ހުރަވީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

1435 ވަނަ އަހަރުގެ ހުރަވީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިސްނަގައިގެން ތަފާތު ހަރަކާތްތައް ހިންގައިފިއެވެ. މިގޮތުން ދުވަހާއި ގުޅޭގޮތުން ބޭއްވި ރަސްމީ ޖަލްސާއޮތީ އޭޕްރީލް 3 ވަނަ ދުވަހުގެ ހަވީރު ކ. ހުރާ އިޖްތިމާއީ މަރުކަޒުގައެވެ. މީގެ އިތުރުން ހުރާގައި ހިންގި ޙަރަކާތްތަކުގެ ތެރޭގައި ދޮންބަންޑާރައިންނާއި ގުޅޭގޮތުން ކ. އަތޮޅުގެ ރަށްތަކަށް ޚާއްޞަކޮށްގެން ބޭއްވި ކުރެހުމުގެ މައުރަޒާއި އަދި ދޮންބަންޑާރައިންނާއި ގުޅޭގޮތުން ހުރާ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުން އަދި އާންމުންނަށް މަޢުލޫމާތު ދިނުން ހިމެނެއެވެ. މިމަޢުލޫމާތު ދިނުމުގެ ތެރޭގައި ދޮންބަންޑާރައިންނާ ގުޅޭ ޑްރާމާއެއްވެސް ދެއްކުން އޮތެވެ. އަދި މީގެއިތުރުން ދުވަހާއި ގުޅޭ ޘަގާފީ ކުޅިވަރުތައްވެސް ހުރާގައި ބޭއްވުނެވެ.

ހުރަވީ ދުވަހާއި ގުޅޭގޮތުން ހިންގި ހަރަކާތްތަކުގެ ތެރޭގައި ފެކަލްޓީތަކާއި ކޮލެޖްތަކާއި އަދި ޔުނިފޯމް އެޅި ބައެއް މުއައްސަސާތަކުގެ ބޭފުޅުންނަށް ދޮންބަންޑާރައިންނާއި ބެހޭ މަޢުލޫމާތު ދިނުމާއި އިހުގައި ދަތުރުފަތުރުކޮށް އުޅުނު ގޮތާއި މިހާރު ދަތުރުފަތުރުކޮށް އުޅޭ ގޮތުގެ މަޢުލޫމާތު ދެއްވުމާއި. އެމް.އެން.ޑީ.އެފް ގެ "ހުރަވީ" ޝިޕްގައި ކަމާބެހޭ މަޢުލޫމާތުތައް ދިނުމާއި ކޮލެޖްތަކާއި ފެކަލްޓީތަކާއި ޔުނިފޯމް އެޅި ބައެއް މުއައްސަސާތަކުގެ ބޭފުޅުންނަށް ހުރަވީ ޝިޕްދައްކާލުން ހިމެނެއެވެ.

ހުރިހާ ޓީވީ ޗެނަލްތަކުން ހުރަވީ ދުވަހުގެ ބަޠަލް ދޮންބަންޑާރައިންނާ ބެހޭގޮތުން ތަފާތު ބޭފުޅުން ތަގްރީރުކޮޅުތަތަކާއި އަދި ހުރަވީ ދުވަހާއި ބެހޭ މަޢުލޫމާތު ފޮނުވަމުން ގެންދިއުމާއި މާލޭގައި ދުއްވާ ޓެކްސީތަކުގައި ގައުމީ ދިދަ ހަރުކުރުމަށްޓަކައި ދިދަހަވާލުކުރުމާއި ގައުމީ ލަވަ ސީޑީ ހަވާލުކުރުން އަދި ސްކޫލްތަކުގެ ދަރިވަރުންނަށް ދޮންބަންޑާރައިންނާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމާއި ދޮންބަންޑާރައިންނާ ބެހޭ ޚާއްޞަޑްރާމާއެއް އޮލިމްޕަހުގައި ދެއްކުންވެސް ހިމެނެއެވެ.