ހުރަވީ ދުވަހުގެ ރަސްމިއްޔާތު ކ.ހުރާގައި ފާހަގަކުރާގޮތަށް ހަމަޖައްސަވައިފި

މިއަހަރުގެ ހުރަވީ ދުވަހުގެ ރަސްމިއްޔާތު ކ.ހުރާގައި ފާހަގަކުރުމަށް ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ. މިރަސްމިއްޔާތު ހުރާ ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ހުރަވީ ދުވަސް އެބޭފުޅަކަށް ނިޞްބަތްވެވަޑައިގަންނަވާ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާއިން) ގެ ޢާއިލާ ނިޞްބަތްވެވަޑައިގަންނަވީ ކ.ހުރަޔަށް ކަމަށްވާތީއެވެ.

ހުރަވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 3 ޖުމާދަލްއާޚިރާ 1435 (3 އޭޕްރީލް 2014) ވަނަ ދުވަހު ކ.ހުރާގައި ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށްދާނެއެވެ. މިގޮތުން ހިންމަފުށި، ދިއްފުށި، ތުލުސްދޫ އަދި ހުރާގެ ފަރާތުން ތަފާތު ކުޅިވަރުތަކާއި، އަދަބީ ބައެއް ކަންތައްތައް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން ހުރަވީ ދުވަހާގުޅޭ ޖަލްސާއެއް ކ.ހުރާގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.