އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1 ވަނަ)

އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުންދީނު، ނުވަތަ ދޮންބަންޑާރައިންނަކީ، މާލެއަތޮޅު ހުރާ އަލްވަޒީރު ޙުސައިން ދަހަރާތަކުރުފާނުންގެ އަލްވަޒީރު މުޙަންމަދު ފާމުލަދޭރި މަނިކުފާނުންގެ ދޮން ޙަސަން މަނިކުފާނު ނުވަތަ ޙަސަން މަނިކެވެ. މަތިކޮޅު ގުޅެނީ ހުރާ ދޮންމަރުދުރު ފަޑިއަތްތަކުރުފާނާއެވެ. ދޮންބަންޑާރައިންގެ އަނބިކަނބަލުންނަކީ ފެންފުށީ ކަކާ ޢަލީތަކުރުފާނުންގެ އާމިނާފާނެވެ. ރާއްޖޭގައި އެންމެފަހުން ރަސްކަންކުރި ހުރާ ދަރިކޮޅުގެ ފެށުމަކީ މިރަދުންނެވެ.

ހިޖުރައިން 981 ވަނަ އަހަރު ބޮޑުތަކުރުފާނު ޕޯޗްގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަން ކުރެއްވިތާ 185 އަހަރު ފަހުން، މަލާބާރީންގެ (ހޮޅީންގެ) ލަޝްކަރެއް މިރާއްޖެ އައިސް، 13 ޞަފަރު 1166 (20 ޑިސެމްބަރ 1752) ގައި އޭރު ތަޚުތުގައި އިންނެވި ރަދުން އައްސުލްޠާނު މުކައްރަމް މުޙަންމަދު ޢިމާދުއްދީން (ތިންވަނަ) ސިރީ ނަވަރަންނަ ކީރިތި މަހާރަދުން އަތުލައިގެން ކަންނަންނޫރަށް ގެންގޮސް، މާލޭގައި އެބައިމީހުންގެ ވެރިކަން ޤާއިމުކުރިއެވެ. މިކަން ހިނގުމަށް ދިމާވީ ޤައުމަށް ޚިޔާނާތްތެރިވި ދެ ދިވެހިން، އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ދެ ދަރިކަލުން ކަމުގައިވާ އެއިރު މާލޭގައި ހުންނެވި ފަނޑިޔާރު ކަލޭގެފާނު މުޙައްމަދު ޝަމްސުއްދީނާއި އޭނާގެ އެއްބަނޑު އެއްބަފާ، ޚަޠީބު އަޙްމަދު މުޙްޔިއްދީނު، ކަންނަންނޫރަށް ސިޓީއެއް ފޮނުއްވައި، އަލީރާޖާއަށް ދިވެހިރާއްޖޭގެ ވެރިކަން ހޯއްދަވައިދެއްވަން ވިދާޅުވެގެންނެވެ.

 މާލެ ހިފުމަށް ނަވަކާއި ދެ ފުރެއްދި އޮޑި (ބޭރު ދަތުރުކުރާ އޮޑި) އަށް ހަނގުރާމައިގެ ތަކެއްޗާއި މަލާބާރީންގެ މީހުންލާފައި އަލީރާޖާ ފޮނުއްވީމައި، އެމީހުން އައިސް ޞަފަރުމަހުގެ 13 ވިލޭރޭ 9 ފުޅީގެ ވަގުތެއްގައި (މެންދަމުން އަލިވެ 3 ޖެހިއިރު) މާލޭގެ ކަނޑިންމާ ތަޅުނުލައި ހުއްޓާ ބަނދަރަށް ވަނީއެވެ. މާލޭގެ އެންމެން އޭރުތިބީ ނިދާފައެވެ. ރަސްކަމުގެ ކޮއިލުތެރެ (ގަނޑުވަރު) ބަލަހައްޓާ މީހުންވެސް ތިބީ ނިދާފައެވެ. މަލާބާރީންގެ މީހުން އެމީހުންގެ ދިގުދޯނީގައި އައިސް މާލެއަށް ފައިބާ ކޮއިލު ތެރެއަށް ވަނެވެ. އެތާނގައިތިބި މީހުން މަރާ ބަޑިޖަހާ ހެދުމުން، ދުޝްމަނުންނާ ދުރަށް ވަޑައިގަތުމަށްޓަކައި، ރަދުން، އެމަނިކުފާނުގެ މާފަންނު ގަނޑުވަރަށް ވަޑައިގަތެވެ. ވަޒީރުންނާއި ލަސްކަރީންގެ މީހުން ފޮނުއްވައިގެން މަލާބާރީން ގަނޑުވަރު ތެރޭން ނެރުއްވުމުން، ނާބަތުޚާނާގައި އެމީހުން ރޯކޮށްލިއެވެ. މިހުޅުގަނޑުގައި އެތެރެކޮއިލުގައިހުރި ހުރިހާ ގެތަކާއި، ދޮރާށިތަކާއި އަދި ފުރަމާލޭގެ ދެބައިކުޅައެއްބައި ގެތައް އަނދައިގެންދިޔައެވެ. ދެން ރަސްގެފާނު ޞުލްޙައަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް މަލާބާރީން ދެންނެވީ ޚުދު ރަދުން އެމީހުންގެ ގާތަށް ވަޑައިގަތުމުން ނޫނީ އަމާން ނުދޭނެ ކަމަށެވެ. އެމީހުންނާއި ބައްދަލުކުރައްވަން ރަދުން ވަޑައިގަތުމުން، ރަދުންނާއި ރަދުންގެ ވަލީޢަހުދު މުޙައްމަދު މަނިކުފާނު ހައްޔަރުކޮށްގެން ގެންގޮސް އެމީހުންގެ އޮޑިއަށް ލިއެވެ. މިބޭފުޅުންގެ އަރިހުގައި ބައެއް ވަޒީރުންގެ ވަޑައިގަތެވެ. މިހިސާބުން މަލާބާރީންގެ އަނިޔާވެރި ވެރިކަން ރާއްޖޭގައި ފެށުނީއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އެމީހުންނަށް މާލެ ހިފުމުގައި އެހީވެދެއްވި ޤާޟީ މުޙައްމަދު ޝަމްސުއްދީނާއި، އަޙްމަދު މުޙުޔިއްދީން ޚަޠީބު މަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައި އެބޭފުޅުން ކަނޑުފައްތައި ޤަތުލުކުރެއްވީއެވެ.