އިޞްލާހުކުރުމަށްޓަކައި ކުޑަކުދިން މުޖުތަމަޢުން އެކަހެރިކުރުމާއިބެހޭ ގަވާޢިދު ގެޒެޓްކޮށްފި

އިޞްލާޙުކުރުމަށްޓަކައި ކުޑަކުދިން މުޖްތަމަޢުން އެކަހެރިކުރުމާއި ބެހޭ ޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެެވެ.

މިގަވާއިދަކީ ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނޫ) ގެ 8 ވަނަ މާއްދާ ތަންފީޒުކުރުމަށްޓަކައި ހެދިފައިވާ ގަވާއިދެކެވެ. މިގަވާޢިދުގެ މަޤްޞަދަކީ ޤާނޫނުން ބޭރުން ކުޑަކުދިންގެ ތެރެއިން އެކަހެރިކުރެވޭ ކުދިން އަނބުރާ މުޖްތަމަޢުއަށް ގެނައުމުގެ ގޮތުން ތަޢުލީމާ ތަމްރީނު ދިނުމެވެ.

މިގަވާއިދުގެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި "ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑްރަން" ގެ ނަމުގައި ސެންޓަރެއް އުފައްދާ މިސެންޓަރުގެ ކަންތައް ވިލަރެސްކުރުމަށްޓަކައި ޖުވެނައިލް ޖަސްޓިސް ކޯޑިނޭޝަން ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އުފައްދަންޖެހެއެވެ.

މިގަވާއިދަށް ޢަމަލުކުރަން ފަށާފައިވަނީ މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިކުރި ތާރީޚެއް ކަމުގައިވާ ފެބްރުއަރީ 27 ވަނަ ދުވަހުން ފެށިގެންނެވެ. މިގަވާއިދުގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދަނީ ހޯމް މިނިސްޓްރީގެ ދަށުން ގިނަގމުންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓުންނެވެ.

މިހާތަނަށް ކުޑަކުދިން އިޞްލާޙުކޮށް އަނބުރާ މުޖްތަމަޢަށް ގެނައުމަށް ކ. ފޭދޫ ފިނޮޅުގައިވެސް ވަނީ ޕްރޮގްރާމްތަކެއް ހިންގާފައެވެ.