ބާރަށާއި ކެލާގެ ޕޮލިސް ސްޓޭޝަން ހޯމް މިނިސްޓަރ ހުޅުވައިދެއްވަައިފި

ހއ. ބާރަށާއި އެއަތޮޅުގެ ކެލާ ޕޮލިސް ސްޓޭޝަން ހޯމް މިނިސްޓަރ ހުޅުއްވައިދެއްވައިފިއެވެ. މިދެރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންތައް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރުއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ. ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު ޤައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ.

މުޅިރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިސްޓޭޝަންތައް ހުޅުއްވައިދެއްވަމުން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިގެން މިދަނީ ރަށު ކައުންސިލް މެމްބަރުންނާއި ރަށުގެ ރައްޔިތުން ކުރި ބުރަ މަސައްކަތުންކަމަށް ވިދާޅުވެ އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އަމާން އޮމާން މާހައުލެއް ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ކައުންސިލް މެމްބަރުންނާއި އަލަށް އިންތިޚާބުވި ކައުންސިލް މެމްބަރުންގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށް އެދިލެއްވިއެވެ.

މިރަސްމިއްޔާތުތަކުގައި ފުލުހުންގެ ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ގެ އިތުރުން އެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވިއެވެ.